މިހާތަނަށް ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ވެރިކަން ކޮށްފައިވާ އެމްޑީޕީއަށް އިތުރު ސަރުކާރެއް އެކުލަވާލަން ފުރުސަތު ލިބިއްޖެ ނަމަ ތަކުރާރު ނުކުރާންވީ ކަމަކީ ކޮބައިތޯ ސުވާލުކުރުމުން، އެއީ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ކުރީގެ ރައީސް އަދި ޕާޓީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި 2008ވަނަ އަހަރު އެ ޕާޓީއަށް ފުރަތަމަ ފަހަރަށް ވެރިކަން ހޯއްދަވައި ދެއްވި ނަޝީދާ، އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވަނީ، 2028ގައި އެ ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ ތަކުރާރު ނުކުރާންވީ ކަމަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.
އެމްޑީޕީން ނުކުރާންވީ ކަމަކީ ވަައްކަން، އެމްޑީޕީން ނުކުރާންވީ ކަމަކީ ނާޖާއިޒު ފައިދާ މީހުންނަށް ނެގުމަށް [ފުރުސަތު ދިނުން]، ނުހަމަކޮށް ކޮންޓްރެކްޓުތައް ދިނުމަށް [ފުރުސަތު ދިނުން]. ސަރުކާރު ހިއްސާވާ ކުންފުނިތައް ސިޔާސީ ބޭނުމެއްގެ ގޮތުގައި ވަސީލަތެއްގެ ގޮތުގައި ބޭނުންނުކުރުން
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު
އެމްޑީޕީގެ ދެވަނަ ސަރުކާރު ކަމަށްވާ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު އިންތިޚާބުކުރުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ނަޝީދު އިތުރަށް ވިދާޅުވީ، ކޮރަޕްޝަނުގެ އަމަލުތަކަކީ ވެސް އެ ޕާޓީން ނުކުރާން ޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ޕާޓީ ވެރިކަމަށް ގެނައުމުގައި ބުރަ މަސައްކަތް ކުރި މީހުން ހަނދާން ނައްތާ ނުލައި، އެ މީހުންނާ އެކުގައި ސަރުކާރު އުފައްދަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު: އެމްޑީޕީން ނުކުރާންވީ ކަމަކީ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ
"އަޅުގަނޑު މި ދަންނަވަނީ ހުރިހާ އެކްޓިވިސްޓުންނަށް ސަރުކާރުގެ ބޮޑެތި ކަންކަން ދޭ ވާހަކައެއް ނޫން. އެކްޓިވިސްޓުންނެއް ނޫން އިނގޭތޯ، ބައިވަރު މީހުން އެބަތިބި ބައިވަރު މަސައްކަތްކޮށްދީފައި،" ނަޝީދު ވިދާޅުވިއެވެ.
"އެކަމަކު ސަރުކާރު އުފެދުނުއިރުގައި އެ މީހުންގެ މަތިން ހަނދާނެއް ނެތް."
މީގެ އިތުރުން، ސިޔާސީ ވެރިން "ފަހާ ނުދުވުމަކީ" ވެސް އެމްޑީޕީން ކުރަން ޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެ މަނިކުފާނު ޖަލަށް ލި ސަރުކާރު ހިންގެވި ރައީސް ކަމަށްވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް އެ މަނިކުފާނުގެ ވެރިކަމުގައި ދައުވާ ނުކުރާކަން ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ މީގެ ކުރިން ބޭފުޅަކު ރައީސްކަން ކުރައްވާފައިވާތީ އެ ބޭފުޅެއް "ފަހާ ދުވުމަކީ" ބޭނުންތެރި ކަމެއް ކަމަށް އެ މަނިކުފާނު ދެކެވަޑައިނުގަންނަވައެވެ. ނަމަވެސް އެ ރައީސަކު ގޯސް ކަންތައްތަކެއް ކުރައްވައިފައިވާ ނަމަ އެ މައްސަލައެއް ތަހުގީގުކޮށް ޖަވާބުދާރީކުރުވަން ޖެހޭކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް މިހާރު ވެސް ވާދަވެރިކަން ބޮޑުވެފައިވާއިރު، ނަޝީދު ތާއިދުކުރައްވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށެވެ. އަދި ފައްޔާޒު ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާއިރު، ފައްޔާޒު ނާކާމިޔާބުވިޔަސް ދެން ހޮވޭ ކެންޑިޑޭޓަކާއެކު ހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވެއެވެ. އޭގެ ތެރޭގައި ނަޝީދާއި ޞާލިޙްގެ ސަރުކާރު ވެސް ހިމެނެއެވެ. އަދި ޞާލިޙްގެ ވެރިކަމުގެ ވަކި ހިސާބަކުން ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ނަޝީދު އެ މަނިކުފާނަށް ބޮޑެތި ތުހުމަތުތައް ކުރެއްވިއެވެ.
ތިން އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވި ނަޝީދުގެ ވެރިކަމުގައި، އުފެއްދެވި ބައެއް ކުންފުނިތަކަށް ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވުނެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) ގެ މައްސަލައަކީ މާލީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލައެކެވެ. އޮޑިޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި، އަޕްލިންކް ޕްރޮޖެކްޓަކަށް ނެގި ތިން މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ޕްރޮޖެކްޓަށް ހަރަދުކޮށްފައިވަނީ އެންމެ 127000 ޑޮލަރެވެ. ބާކީ 85 ޕަސެންޓް ފައިސާ ބޭނުންކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުތަކަށެވެ. މި ކުންފުނި ވެސް ފަހުން ވަނީ ނުހިންގިގެން އުވާލާފައެވެ.
ހަމައެހެންމެ، އެ ސަރުކާރުގައި އުފެއްދި, މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީ (އެމްއީސީއެލް) އަކީ ވެސް މާލީ ހިސާބުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރެގެން ފަހުން އުވާލި ކުންފުންޏެކެވެ. އެ ކުންފުނީގެ ޚަރަދުތަކާއި ބޭންކުން ނަގާފައިވާ ފައިސާއާ ދިމާނުވުމާއި، އާމްދަނީގެ ހިސާބުތައް ބެލެހެއްޓިފައި ނެތުމަކީ އޮޑިޓުން ފާހަގަކުރި ކަންކަމެވެ. މި ކުންފުނިތައް އުވާލުމުން، އެ ކުންފުނިތަކުގެ މާލީ ޒިންމާ އުފުލަން ޖެހުނީ ދައުލަތަށެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީނަށް ވައްކަމުގެ ތުހުމަތުތައް ކުރައްވަމުން ވެރިކަން ހޯއްދެވި, ޞާލިޙްގެ ވެރިކަމުގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއެވެ. ޚާއްސަކޮށް ފެނަކަ ކޯޕަރޭޝަނާއި އާރްޑީސީގެ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވިއެވެ. އޮޑިޓާ ޖެނެރަލްގެ ޚާއްސަ އޮޑިޓުން ދައްކާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން 2.2 ބިލިއަން ރުފިޔާގެ އެއްބަސްވުންތައް ހަދާފައިވާއިރު، އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަކާ ނުލައެވެ. އެންމެ ބޮޑު ފައިދާއެއް ނެގިކަމުގެ ތުހުމަތު ކުރެވެނީ އޭރު އެ ޕާޓީގެ ޓިކެޓްގައި މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންނަށާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށެވެ.
އެ ސަރުކާރުގައި އާރްޑީސީއަށް ބަލާއިރު، 2022 އަދި 2023 ވަނަ އަހަރު އެކަށީގެންވާ ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ޓްރާންސްފާކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މީގެ ތެރެއިން 14 މިލިއަން ރުފިޔާ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާއިރު، އެއް ފަރުދެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ހިމެނެއެވެ. މި ކުންފުނި 2022 ވަނަ އަހަރު 34 މިލިއަން ރުފިޔާގެ ފައިދާއެއްގައި އޮތުމަށް ފަހު، 2023 ވަނަ އަހަރު 188 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލިއެވެ. އަދި 2024 ވަނަ އަހަރު އެ ގެއްލުން ވަނީ 229 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މި ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ގޮސް، ދައުލަތަށް ބޮޑު ބުރައަކަށް ވެފައިވާއިރު، މިކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.
އެ ދައުރުގައި ރިޔާސީ ޕްރައިމަރީން ބަލިވި ފަހުން ނަޝީދު އެމްޑީޕީން ވަކިވެ އަމިއްލަ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަލުން އެ މަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގެން އަނެއްކާވެސް ޕާޓީގެ އިސް މަގާމެއް ހޯއްދެވީއެވެ.