މާލެ ސިޓީގެ ފަޅުތެރެއަށް ކުނިއަޅާ ފަރާތްތަކުގެ ފޮޓޯއާއި ވީޑިއޯ ފޮނުވައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
ކައުންސިލުން ބުނި ގޮތުގައި، ގަވާއިދާ ހިލާފަށް ކުނިއަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް އެ މައުލޫމާތު ފޮނުވައިދިނުމަށް ވަނީ އެދިފައެވެ. މިއީ ވެރިރަށް މާލޭގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކުނިއަޅާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކައުންސިލުން ފާހަގަކުރެއެވެ.
މާލެ ސިޓީގެ ފަޅުތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ކައުންސިލުން މެދުކެނޑުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ފަޅުތެރެ ސާފުކުރުމުގެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ކައުންސިލުން ބުނެއެވެ.
މާލެ ސިޓީގެ ވެށި ރީތިކޮށް، ސާފުތާހިރުކަންމަތީ ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މަގުތަކަށާއި ފަޅުތެރެއަށް ކުނި ނޭޅުމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް މީގެ ކުރިން ވެސް ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.
ފަތުރުވެރިކަމުގެ ގޮތުން މުޅި ދުނިޔެއަށް ވެސް މަޝްހޫރު ރާއްޖޭގެ ކަނޑާއި ފަޅަށް ކުނި އެޅުމަކީ ޒަމާންވީ މައްސަލައެކެވެ. މީގެ ސަބަބުން ފަޅާއި ކަނޑު ވަރަށް ބޮޑަށް ހަޑިވެއެވެ. ކިތަންމެ ވަރަކަށް ސާފު ކުރި ނަމަވެސް ކުނި އަޅާ މީހުން އެކަން ނުހުއްޓާތީ ދާއިމީ ހައްލެއް އޮންނަނީ ނުލިބިއެވެ.