ދިވެހީން ގިނަ މެލޭޝިއާގެ 21 ސަރަހައްދެއްގެ ވައި، ނުރައްކާ މިންވަރަށް ނުސާފުވެއްޖެ

ގިނަ އަދަދަކަށް ދިވެހީން ދިރިއުޅޭ، މެލޭޝިއާގެ 21 ސަރަހައްދެއްގެ ވައި ނުސާފުވެ، ސިއްހަތަށް ގެއްލުންވާ މިންވަރަށް ގޯސްވެއްޖެއެވެ.

އެ ގައުމުގެ އެއާ ޕޮލިއުޓަންޓް އިންޑެކްސް މެނޭޖްމަންޓް ސިސްޓަމް (އޭޕީއައިއެމްއެސް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދުގެ ހެނދުނު 8:00 އާ ހަމައަށް 21 ސަރަހައްދެއްގެ ވައިގެ ފެންވަރު ވަނީ ދަށްވެފައެވެ. މިއީ އޭގެ ކުރީ ދުވަހުގެ ހަވީރު 4:00 ގައި ނުސާފުކަމަށް ރެކޯޑުކުރެވުނު 11 ސަރަހައްދާ އަޅައި ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

މި ނުސާފު ވައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޖޮހޯރް ސްޓޭޓަށެވެ. އެ ސްޓޭޓުގެ އަށް ސަރަހައްދެއްގެ ވައި ނުސާފުވެފައިވާއިރު، މުޅި ގައުމުން ވެސް އެންމެ ގޯސްކަމަށް ރެކޯޑުކުރެވިފައިވަނީ ޖޮހޯރްގެ ބަތޫ ޕަހަޓްގައެވެ. އެ ސަރަހައްދުގެ އޭޕީއައި ރީޑިން ހުރީ 188 ގައެވެ. މީގެ އިތުރުން ކްލުއާންގް އަދި ސެގަމަޓްގެ ރީޑިން 166 ގައި ހުރިއިރު، ލާކިންގެ ރީޑިން ވެސް ހުރީ 166 ގައެވެ. އަދި ޕާސިރް ގުޑަންގް (165)، ޓަންގްކަކް (164)، ކޮޓަ ޓިންގީ (155) އަދި ޕެންގެރަންގް (154) ގެ ވައިގެ ފެންވަރު ވެސް ވަނީ ދަށްވެފައެވެ.

ޖޮހޯރްގެ އިތުރުން އެހެން ބައެއް ސްޓޭޓްތަކުގެ ވައި ވެސް ވަނީ ނުސާފުވެފައެވެ. އެގޮތުން ވެރިރަށް ކުއަލަލަމްޕޫރުގެ ޗެރަސް ސަރަހައްދުގެ ރީޑިން 140 ގައި ހުރިއިރު، ޕުޓްރަޖާޔާގެ ރީޑިން ހުރީ 152 ގައެވެ. އަދި ބަންޑަރާޔާ މެލަކާގެ ރީޑިން 155 ގައި ހުރިއިރު، ޕަހަންގް ސްޓޭޓުގެ ބައެއް ސަރަހައްދުގެ ރީޑިން ވެސް ހުރީ 150 އިން މަތީގައެވެ. ނަމަވެސް، ކުރިން ވައި ނުސާފުކަމަށް ދެއްކި ސަރަވަކްގެ އައިޕީޑީ ސެރިއަން އަދި ސެލަންގޯގެ ޖޮހާން ސެޓިއާގެ ވައިގެ ފެންވަރު ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެ، 98 އަށް ތިރިވެފައެވެ.

މުޅި ގައުމުގައި ގާއިމުކޮށްފައިވާ 68 މޮނިޓަރިން ސްޓޭޝަންގެ ތެރެއިން 41 ސްޓޭޝަނަކުން މެދުމިންވަރެއްގެ ރީޑިންއެއް ދައްކާފައިވާއިރު، ވައި ސާފުކަމަށް ދައްކާފައިވަނީ އެންމެ ފަސް ސްޓޭޝަނަކުންނެވެ. އޭގެ ތެރޭގައި ޕެނަންގްގެ މިންޑެން (45) އާއި ބާލިކް ޕުލާއު (23) އަދި ސަބާހްގެ ކޮޓަ ކިނަބާލޫ (44) ހިމެނެއެވެ.

މެލޭޝިއާގެ މިންގަނޑުތަކަށް ބަލާއިރު، އޭޕީއައި 0 އާއި 50 އާ ދެމެދުގައި ހުރުމަކީ ވައި ސާފުވުމެވެ. އަދި 51 އާއި 100 އާ ދެމެދު މެދުމިންވަރެއް ކަމަށް ބަލާއިރު، 101 އާއި 200 އާ ދެމެދުގެ އަދަދުތަކަކީ ސިއްހަތަށް ގެއްލުންވާ މިންވަރެވެ. މީގެ އިތުރުން 201 އާއި 300 އާ ދެމެދަކީ ވަރަށް ބޮޑަށް ގެއްލުންވާ މިންވަރު ކަމަށްވާއިރު، 300 އިން މައްޗަށް ދިއުމަކީ ނުރައްކާތެރި ހާލަތެއް ކަމަށް ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް