މެލޭޝިއާގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވި އުމުރުން 21 އަހަރުގެ ދިވެހި އަންހެން ދަރިވަރު، ސ. ހިތަދޫ، މާރިޝް، އާމިނަތު އިމީލީ ނާޒިމް ގެ ކަށުނަމާދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.
ހައިކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އިމީލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުމަޣްރިބު ނަމާދަށް ފަހު، މެލޭޝިއާގެ މަސްޖިދު އަލްއިރުޝާދު ސުބަންގް ޖަޔާ ސެލެންގާގައެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން މި ކަށުނަމާދުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އާއިލާގެ ފަރާތުން ވަނީ ވަރަށް ބޮޑަށް އެދިފައެވެ.
އިމީލީ މަރުވީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި ދަތުރުކުރި ޓެކްސީ އެކްސިޑެންޓު ވެގެންނެވެ.
ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:48 ހާއިރު، ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ. މައްސަލަ ތަހުގީގުކުރާ ފުލުހުން ހާމަކުރި ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ 37 އަހަރުގެ ޓެކްސީ ޑްރައިވަރު ދުއްވި ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް، އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދިޔަ ޕްރޮޓޯން އެސް70 މަރުކާގެ ކާރެއްގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާގައި ޓެކްސީ މަގުމައްޗަށް އަރިއަޅާލައި ބަންޑުން ޖެހި، ކާރުގެ އެތެރޭގައި ތާށިވި އިމީލީ ވަނީ ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އެތަނަށް މަރުވެފައެވެ. ނަމަވެސް، ކާރުގައި އިން އަނެއް ދިވެހި ދަރިވަރަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.
ފުލުހުން ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، ޓެކްސީ ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް އެ ޑްރައިވަރު ހަތަރު ދުވަހުގެ މުއްދަތަށް ހައްޔަރުގައި ބެހެއްޓުމުގެ ހުއްދަ ކޯޓުން މިހާރު ވަނީ ފުލުހުންނަށް ދީފައެވެ.