މެލޭޝިއާގެ ބައެއް ސްޓޭޓްތަކާއި ފެޑެރަލް ސަރަހައްދުތަކުގެ ސްކޫލްތައް މިއަދު ބަންދުކުރަން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިޔަވަޅު އެޅީ އަވައްޓެރި އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ބޯ ދުމުގެ އަސަރުކޮށް މެލޭޝިއާގެ ވައި ނުސާފުވުމާ ގުޅިގެންނެވެ.
މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓަރު ފަދްލީނާ ސިޑެކް ފޭސްބުކްގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ސްކޫލްތައް ބަންދުކުރާ ސަރަހައްދުތަކުގެ ތެރޭގައި ޖޮހޯރް، މަލާކާ، ނެގެރީ ސެމްބިލާން އަދި ސެލަންގޯރް ސްޓޭޓްގެ އިތުރުން ވެރިރަށް ކުއަލަލަމްޕޫރާއި އިދާރީ މަރުކަޒު ޕުޓްރަޖާޔާ ހިމެނެއެވެ. މީގެ އިތުރުން ޕަހަންގް ސްޓޭޓްގެ ރޮމްޕިން ޑިސްޓްރިކްޓްގެ ސްކޫލްތައް ވެސް ބަންދުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަދްލީނާ ވިދާޅުވީ، ވައި ނުސާފުވެފައިވާ މިންވަރު ގާތުން ބަލަމުން ގެންދިއުމަށާއި، ހާލަތު ގޯސްވާ ނަމަ ވަގުތުން ފިޔަވަޅު އެޅުމަށް ހުރިހާ ސްޓޭޓްތަކާއި ޑިސްޓްރިކްޓްތަކުގެ ތައުލީމީ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ.
މެލޭޝިއާ ސަރުކާރުގެ ތަފާސްހިސާބުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނާ ހަމައަށް އެ ގައުމުގެ 37 ސަރަހައްދެއްގެ ވައިގެ ސާފުމިން ހުރީ ސިއްހަތަށް ގެއްލުންވާ މިންވަރުގައެވެ. މެލޭޝިއާގެ އެއާ ޕޮލިއުޓަންޓް އިންޑެކްސް (އޭޕީއައި) ގައި 101 އާއި 200 އާ ދެމެދުގެ އަދަދުތައް ގިންތިކުރަނީ "ސިއްހަތަށް ގެއްލުންހުރި" މިންވަރުގެ ގޮތުގައެވެ. އަދި 201 އާއި 300 އާ ދެމެދު "ވަރަށް ބޮޑަށް ގެއްލުންހުރި" މިންވަރު ކަމަށް ކަނޑައަޅާފައިވާއިރު، 300 އިން މަތިވެއްޖެ ނަމަ ބަލަނީ "ނުރައްކާތެރި" މިންވަރެއްގެ ގޮތުގައެވެ.
މި މައްސަލަ ދިމާވެފައިވަނީ އިންޑޮނީޝިއާގެ އެކި ޕްރޮވިންސްތަކުގެ ޖަންގަލިތަކާއި ބިންތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ނުކުރެވި، އޭގެ ދުން މެލޭޝިއާއާއި ސިންގަޕޫރު ފަދަ އަވައްޓެރި ގައުމުތަކަށް ފެތުރެމުންދާތީއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އިއްޔެ ވިދާޅުވި ގޮތުގައި، މި ދުމުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި އިންޑޮނީޝިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިއާ އޮތީ ތައްޔާރަށް ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލައަށް ސަރަހައްދީ ފެންވަރެއްގައި ހައްލެއް ހޯދުމަށާއި އިންޑޮނީޝިއާގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްޓަކައި، އާސިއާން ޖަމާއަތުގެ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް ބާރުއެޅުމަށް މެލޭޝިއާގެ ހާރިޖީ ވަޒީރަށް އަންގަވާފައިވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.