މެލޭޝިއާގައި ކާރެއް އެކްސިޑެންޓުވެ ދިވެހި ދަރިވަރަކު މަރުވި މައްސަލައިގައި، އެ ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް ކޮށްފައިވާ ތިން ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ މެލޭޝިއާގައި ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. އެ ހާދިސާގައި، ކާރުގައި އިން، 22 އަހަރުގެ ދިވެހި އެހެން ދަރިވަރަކަށް ވެސް އަނިޔާވިއެވެ.
އެ މައްސަލައިގައި ދައުވާ ކުރީ އުމުރުން 37 އަހަރުގެ މުހައްމަދު ޝަފީގު އިބްރާހިމް ކިޔާ މީހެއްގެ މައްޗަށެވެ. އެ މައްސަލައިގައި އޭނާ މެލޭޝިއާގެ ޝާހް އާލަމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ދައުވާތައް ވަނީ އިއްވައިފައެވެ.
އެ ދައުވާތަކުގައި ވަނީ ޝަފީގު ކާރު ދުއްވާފައިވަނީ މެތަމްފެޓަމީން ބޭނުންކޮށްގެން މަސްތުވެގެން ހުރެ ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ، މަސްތުވާތަކެތީގެ ނުފޫޒުގައި ހުރެ ކާރު ދުއްވައި މީހެއްގެ މަރަށް މެދުވެރިކުރުމުގެ ދައުވާއާއި، ހަމަ އެ ހާލަތުގައި ހުރެ ކާރު ދުއްވައި މީހަކަށް އަނިޔާވުމަށް މެދުވެރިކުރުމުގެ ދައުވާގެ އިތުރުން، ފަރުވާކުޑަކޮށް ކާރު ދުއްވުމުގެ ސަބަބުން އެހެން އުޅަނދެއްގައި ޖެހި އެކްސިޑެންޓެއް ހިނގުމަށް މެދުވެރިކުރުމުގެ ދައުވާއެވެ.
މެލޭޝިއާގެ ރޯޑް ޓްރާންސްޕޯޓް އެކްޓުގެ ދަށުން އުފުލާފައިވާ ފުރަތަމަ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރުގެ ޖަލު ހުކުމަކާއެކު 50،000 އާއި 100،000 ރިންގިޓާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމަނާކުރެވޭނެއެވެ. ދެވަނަ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމަކާއެކު 30،000 އާއި 50،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ތިންވަނަ ދައުވާއަށް ކަނޑައަޅާފައިވަނީ 12 މަސްދުވަހުގެ ޖަލު ހުކުމަކާއެކު 5،000 އާއި 10،000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެކެވެ.
އެ މައްސަލައިގައި ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަރު އާލިއާ އަނީސާ ހައިރުސް މަސްނާން ވަނީ ކޮންމެ ދައުވާއަކަށް 10،000 ރިންގިޓުގެ ކަފާލާތެއް ހުށަހަޅާފައެވެ. ނަމަވެސް، ޑްރައިވަރުގެ ވަކީލު ރޯހަން ސިންގް ވަނީ ޝަފީގަށް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން މަހަކު ލިބެނީ އެންމެ 2،000 ރިންގިޓު ކަމަށް ވިދާޅުވެ ކަފާލާތުގެ އަދަދު ކުޑަކޮށްދިނުމަށް އެދިފައެވެ. މެޖިސްޓްރޭޓް ނިންމެވީ 9،000 ރިންގިޓުގެ ކަފާލާތެއްގެ ދަށުން އޭނާ ދޫކޮށްލުމަށެވެ.
ކޯޓުން އިތުރަށް ވަނީ، މައްސަލަ ނިމެންދެން އޭނާގެ ލައިސަންސް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ޑިސެންބަރު ހަތަރު ވަނަ ދުވަހު ކަމަށް އެ ގައުމުގެ ނޫސްތަކުގައިވެއެވެ.
އިމީލީގެ ޖަނާޒާ ވަނީ އަންގާރަ ދުވަހު މެލޭޝިއާގައި ބާއްވައިފައެވެ.