ޓްރަމްޕަށް ގޮންޖަހައި އީރާނުން އަނެއްކާވެސް ހުރުމުޒުގައި އަސްކަރީ ބާރު ގަދަކޮށްލައިފި

ހުރުމުޒު ހުރަސްކުރަނިކޮށް ހަމަލާއެއް އަރާފައިވާ ތެޔޮ ޓޭންކަރެއް

ލަންޑަން (08 އޮކްޓޯބަރު 2026): އީރާނުން ގަލްފުގައި ހިންގާ އަސްކަރީ ބާރު ވަރުގަދަ ކުރުމާއެކު ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ތެޔޮޓޭންކަރުތަކަށް ދޭ ހަމަލާތައް އަނެއްކާވެސް އިތުރުވެ އެކަނޑުއޮޅި ހުރަސްކުރާ ޓޭންކަރުތަކުގެ އަދަދު ބޮޑުތަނުން މަދުވެއްޖެއެވެ.

ހުރުމުޒު ހުރަސްކުރާ އުޅަނދުތައް ބަލައި މޮނިޓާކުރާ ކުންފުންޏެއްކަމަށްވާ ކުޕްލާ އިން ބުނީ މިދިޔަ ހަފްތާއާ އަދި އޭގެ އެއްހަފްތާކުރިން ފެށިގެން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ތެޔޮޓޭންކަރުތަކަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި ނަތީޖާއެއްގެ ގޮތުން މި ހަފްތާއާއި ފާއިތުވި ހަފްތާގައި އެކަނޑުއޮޅި ހުރަސްކުރާ ޓޭންކަރުތަކުގެ އަދަދު ބޮޑުތަނުން މަދުވެފައިވާ ކަމުގައެވެ.

މި ހަމަލާތަކުގެ ފަހަތުގައިވަނީ އީރާންކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ. އީރާނުން މިކަން ދޮގެއް ނުކުރެއެވެ. އީރާނުގެ އަސްކަރިއްޔާއިންވަނީ އެގައުމުގެ ހުއްދައަކާނުލައި ހުމުޒު ހުރަސްކުރާ އެއްވެސް އުޅަނދަކަށް އަމާންކަން ނޯންނާނެކަމާއި އެއުޅަނދެއްގެ ސަލާމަތްކަން ކަށަވަރުކުރާނީ އެއުޅަނދަކުން ކަމަށް ބުނެފައެވެ. އީރާންގެ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ވިދާޅުވިގޮތުގައި އީރާނުން ވަނީ އަނެއްކާވެސް ގަލްފުގައި އަސްކަރީ ބާރު ވަރުގަދަކޮށްފައެވެ.

އެމެރިކާއަޑީގައި އޮވެގެން ހުރުމުޒު ކަނޑުއޮޅިން ތެޔޮބޭރުކުރަނީ ސްމަގްލިން ކުރާ ގޮތަށް ސިއްރިޔާތުގައި ކަމަށާއި ފާއިތުވި ދެފަހްތާގައި ކޮންމެވެސް ވަރަކަށް ސްމަގްލިންގެ އުސޫލުން ހުރުމުޒު ހުރަސްކޮށް ތެޔޮ ބޭރުކޮށްފައިވާ ކަމަށް ބެލެވޭކަމަށް އީރާނުންވެސް އެއްބަސްވެފައިވެއެވެ. މިއީ ބައެއްފަހަރު އެެމެރިކާއަށް ކުރެވޭކަމަކަށް ވިޔަސް މިއީ ވަގުތީ ކަމެއްކަމަށާ އެމެރިކާގެ މިއަމަލުތައް ހުއްޓުވައި އީރާން ހުއްދަނުދޭ އެއްވެސް އުޅަނދަކަށް ހުރުމުޒު ހުރަސްކުރުމުގެ ފުރުސަތު ދާއިމީ ކޮށް ނުލިބޭނެކަމަށް އީރާނުގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ. އެމެރިކާއަށް ހެއްލިގެން ހުރުމުޒު ހުރަސްކުރާ އުޅަނދުތަކަށް އަރާ ހަަމަލާތަކަށް އީރާން ޒިންމާ ނުވާނެކަމަށްވެސް އީރާނުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ހުރުމުޒު ގެ މަތިން ދަތުުރުކުރާ އީރާނުގެ ޑްރޯންތައް

ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ތެޔޮޓޭންކަރުތަކަށް ދޭ ހަމަލާތައް އަނެއްކާވެސް އިތުރުވުމާއެކު އެކަނޑުއޮޅި ހުރަސްކުރާ ޓޭންކަރުތަކުގެ އަދަދުވެސް ބޮޑުތަނުން މަދުވެއްޖެކަން ކުޕްލާއިން ހާމަކޮށްފައި މިވަނީ އީރާނުގެ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު މިހެން ވިދާޅުވިތާ 24 ގަޑީއިރުވެސް ނުވަނީހެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އޭނާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ އީރާނުގެ ބާރު ހުރުމުޒުގައި ކުޑަވެފައިވާކަމަށާ އެމެރިކާ އަސްކަރީ އެހީތެރިކަންދީގެން ހުރުމުޒު ހުރަސްކޮށް ކޮންމެ ދުވަހަކު ގިނަ އަދަދަކަށް ގަލްފުން ތެޔޮބޭރު ކުރަމުން ގެންދާކަމަށް ވިދާޅުވެ އީރާނަށް މަލާމާތްކުރާ މޭރުމަކުން ބޮޑާ ރާގެއްގައި އިއްޔެ އާއި އޭގެ ކުރީދުވަހު އެކި ގޮތްގޮތަށް ވާހަކަ ދައްކަވައި ބަޔާންތައް ދެއްވައިފައެވެ. ޓްރަމްޕާއި ބެސެންޓް މިހެން ވާހަކަ ދެއްކެވި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްނުދާކަން ރިޕޯޓްތަކުންވަނީ ހާމަވެފައެވެ.

ރިޕޯޓްތަކުން ހާމަވާ ގޮތުގައި މިހާރުވެސް ދުނިޔޭގެ ބާޒަރުގައި ތެޔޮ ފީފާއެއްގެ އަގު އުޅެނީ 102 ޑޮލަރަށްވުރެ މަތީގައެވެ. މިއާއެކު ޑީސެލްގެ އަގުވެސް މަތިވެ އަދި ޑީސެލްގެ ދަތިކަންވެސްވަނީ އިންތިހާއަށް ބޮޑުވެފައެވެ. ތެލުގެ އަގު މަތިވުމުންނާއި ޑީސެލްގެ ދަތިކަމާ އަދި ޑީސެލްގެ އަގު ބޮޑުކަމުން އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ޓްރަމްޕްގެ ޕާޓީއަށް އެމެރިކާގެ އާންމުންގެ ތާއީދު ކުޑަވެ އެޕާޓީއަށް ކޮންގްރެސްގެ އަޣްލަބިއްޔަތު ގެއްލޭނެކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ. ޓްރަމްޕް އީރާންދެކެ އެންމެ ބޮޑަށް ބިރުގަންނަ މައްސަލައަކީ މިއެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި އީރާނުގެ އަސްކަރީބާރު ހުރުމުޒުގައި ކުޑަވެފައިވާކަމަށް ބުނެ އެމެރިކާ އަސްކަރީ އެހީތެރިކަންދީގެން ހުރުމުޒު ހުރަސްކޮށް ކޮންމެ ދުވަހަކު ގިނަ އަދަދަކަށް ގަލްފުން ތެޔޮބޭރު ކުރަމުން ގެންދާކަމަށް ވިދާޅުވެ ޓްރަމްޕްއާއި އޭނާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ބަޔާންތައް ދެއްވުމުގެ ބޭނުމަކީ ތެލުގެ މައްސަލާގައި އެމެރިކާގެ ރައްޔިތުން ޓްރަމްޕްގެ ސަރުކާރުދެކެ އައިސްފައިވާ ރުޅިގަނޑު މަތަކޮށް ވޯޓުލާމީހުންގެ މައިތިރިކޮށް އެމީހުންގެ ރުހުން ހޯދުމެވެ. އަދި އީރާނުގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދޭކަން އެމެރިކާ ރައްޔިތުންނަށް ގަބޫލުކުރެވޭގޮތް ހެދުމެވެ.

ނަމަވެސް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ތެޔޮޓޭންކަރުތަކަށް ދޭ ހަމަލާތައް އަނެއްކާވެސް އިތުރުވެ އެކަނޑުއޮޅި ހުރަސްކުރާ ޓޭންކަރުތަކުގެ އަދަދު ބޮޑުތަނުން މަދުވެއްޖެކަން ކަމާބެހޭ ކުންފުނިތަކުން ހާމަކުރުމަކީ ޓްރަމްޕާއި އޭނާގެ މާލީ ވަޒީރަށް ކުރިމަތިވެގެންދާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރީ ޓްރަމްޕް އީރާންއާ ދެކޮޅަށް ފެށިޣައިރު ގާނޫނީ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންކަމުން މިކަމާގުޅިގެން ތެޔޮގެ އަގު މައްޗަށް ދިޔުމުގެ ޒިންމާ އެޅިފައިވަނީ ޓްރަމްޕްގެ ބޮލުގައެވެ. ސަބަބަކީ މިއީ ޓްރަމްޕްގެ ޣައިރު ގާނޫނީ އަމަލުތަކުން ކުރިމަތިވި މައްސަލައަކަށްވާތީއެވެ.

ގަލްފުގެ ސަލާމަތީ ކަންކަން ބަލައި މޮނިޓަރ ކުރާ ކުޕްލާ ފަދަ ކުންފުނިތަކުގެ ބަޔާންތަކުން އެނގޭގޮތުގައި މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުން އޮކްޓޫބަރު 5 އާ ދެމެދު ހުރުމުޒު ހުރަސްކުރަން އުޅުނު ތެލާއި ގޭސް އުފުލާ 12 އުޅަނދަކަށް 15 ހަމަލާއެއްވަނީ އަރައިފައެވެ. އިއްޔެއާއި އޭގެ ކުރީ ދުވަހާއި މިއަދުވެސް ހުރުމުޒު ހުރަސްކުރަން އުޅުނު އުޅަނދުތަކަށް ވަނީ ހަމަލާތައް އަރާފައެވެ. ހުރުމުޒު ހުރަސްކުރާ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމުގައި އެމެރިކާ ފެއިލް ވެފައިވާ ކަމާއި ޓްރަމްޕްއާއި އޭނާގެ މާލީ ވަޒީރު އީރާނަށް ގޮންޖައްސަވައި ހުރުމުޒުން ތެޔޮ ބޭރުކުރެވޭކަމަށް ވިދާޅުވެ ތަކުރާރުކޮށް ދައްކަވާ ވާހަކަތަކަކީ ހަގީގަތެއް ކަމާމެދު މިވަނީ ޝައްކު އުފެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު