މަސްތުވެގެން ހުރެ މީހަކަށް ބިރުދައްކައި ކާރެއް ފޭރިގަނެގެން ގޮސް އެކްސިޑެންޓްވި މައްސަލައެއް!

ފުވައްމުލަށް ސިޓީ: -- ފޮޓޯ/ ފުވައްމުލައް އެއާޕޯޓު؛ ފޭސްބުކް

ފުވައްމުލަކުގައި ކާރެއްގެ ވެރިފަރާތަށް އަނިޔާކޮށް، ބިރުދައްކައި އެ މީހާގެ އަތުން ކާރު ފޭރިގަނެގެން ދުއްވާފައި ގޮސް ސައިކަލަކާއި، އެހެން ކާރެއްގެ އިތުރުން ރުކެއްގައި ޖައްސައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެެވެ.

ފުލުހުން ބުނީ އިއްޔެ އިރުއޮއްސި 18:22 އެހައިކަންހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކާރު ދުއްވި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭކަމަށާއި އެގޮތުން މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށް ފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ތަހުގީގަށް އެނގިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި، ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

ނަމަވެސް އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://sun.mv/226684

ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލެ ފޭސް ދޭއްގައި ވެސް ރޭ ވަނީ ނުރައްކާތެރި އެކްސިޑެއްޓެއް ހިނގައިފައިއެވެ. މި އެކްސިޑެންޓުގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ ދަނީ ފަރުވާދެމުންނެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް-7 ފްލެޓް ކައިރީގައެވެ.

ފުލުހުން ބުނިގޮތުގައި އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް ހަތެއް, ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ނުވަ އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް