ކޮރަޕްޝަނުން ހޯދާ ފައިސާ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް މަޖިލިސް މެންބަރަކު ނުހޯއްދަވާނެ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމު މީގެ ކުރިން ފުރުއްވި ގަޕޯ ވިދާޅުވީ، ރައްޔިތުންގެ ފައިސާގައި އެމްޑީޕީގެ މެންބަރަކު ނުޖެހޭނެ ކަމަށެވެ. އެގޮތުން މިހާރު މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ 13 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކަށް ކޮރަޕްޝަނުގެ ތުހުމަތެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ ޙަރާމް، ޙަލާލް ރީތިކޮށް ވަކިކުރަން، އަޅުގަނޑުމެން ޙަރާމް ފައިސާ ހޯދައިގެން އަޅުގަނޑުމެންގެ އަނބި ދަރިންނަށް ކާކަށް ނުދޭނަމޭ،" ގަޕޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެ ފަދަ ގައުމެއްގައި ކޮރަޕްޝަން ހިނގަން ނުޖެހޭ ވަރަށް ކޮރަޕްޝަން ހިނގަމުންދާ ކަމަށާއި، އެމްޑީޕީން އެ ވާހަކަ ދައްކަމުން ގެންދާނެ ކަމަށެވެ. އަދި އެ ފަދަ މައްސަލަތައް ހުއްޓުވަން ޖެހޭ ކަމަށާއި، ރައްޔިތުން ވެސް ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށް ގަޕޯ ވިދާޅުވިއެވެ.
އަޅުގަނޑުމެން މި ތިބީ ރައްޔިތުންނާއެކު، އަޅުގަނޑުމެން ރައްޔިތުންނަކަށް އިހުމާލެއް ނުވާނަން. އަޅުގަނޑުމެން ރައްޔިތުންގެ ފައިސާގައެއް ނުޖެހޭނަން، ކޮރަޕްޝަނުގެ ޙަރާމް ފައިސާގެ ތެރެއަށް އަޅުގަނޑުމެންގެ އެއްވެސް މެންބަރަކު ނުވަންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް މި ވަގުތު ވެސް އަރުވަން
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)
ގަޕޯ ވަނީ ކޮރަޕްޝަން ފަދަ ކުށްތައް ނުހުއްޓުވައިފި ނަމަ ރައްޔިތުންގެ އަތުން ގައުމު ބީވެގެން ގޮސްދާނެ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މަޖިލީހުގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ 13 މެންބަރުން ކަމަށްވާއިރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީއަށް ސުޕަމެޖޯރިޓީ އޮތެވެ. މި ސަރުކާރުގައި ވެރިކަން ކުރާ ޕީއެންސީން ވަނީ 74 ގޮނޑިއާއެކު ސުޕަމެޖޯރިޓީ ހޯދައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވެއެވެ.