އިސްލާމީ ޝަރީއަތާ ގުޅޭ އެއްވެސް ކަމެއް އެމެރިކާގައި ތަންފީޒުވިޔަ ނުދޭނަން: ޓްރަމްޕް

ވޮޝިންޓަން (27 އޮގަސްޓް 2026) : އިސްލާމީ ޝަރީއަތާ ގުޅޭ އެއްވެސް ކަމެއް އެމެރިކާގައި ތަންފީޒުވިޔަ ނުދޭނެކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެ ވަޑައިގެންފިއެވެ.

ޓްރަމްޕް ވިދާޅުވީ ޔޫރަޕް މީހުންނަށް އިސްލާމީ ޝަރީއަތް މާރަނގަޅު އަދި މާމޮޅު އެއްޗަކަށް ވެގެން ޔޫރަޕްގެ އެތައް ސިޓީއެއްގައި އިސްލާމީ ޝަރީއަތާ އެއްގޮތަށާއި އިސްލާމީ ސަގާފަތާ އެއްގޮތަށް ކަންކަން ކުރަމުން ދިޔަނަމަވެސް އެމެރިކާގައި އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ނުދޭނެކަމުގައެވެ.

އިސްލާމީ ޝަރީއަތަށް މަލާމާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ "އެމެރިކަން ލީގަލް ސިސްޓަމް އިސް ދަ ބެސްޓް އޮފް އޯލް" ކަމުގައެވެ. ޓީވީ ބަސްދީގަތުމެއްގައި އެމެރިކާގެ ބްރޯޑްކާސްޓާ ގްލެން ބެކް ކުރެއްވި ސުވާލެއްގެ ޖަވާބުގައި އިސްލާމް ދީން ޔޫރަޕްގައި ފެތުރެމުންދާތީއާއި ޔޫރަޕްގައި މުސްލިމުން ގިނަވާތީއާއި ލަންޑަން އާއި ޕެރިސް ފަދަ ޔޫރަޕްގެ ބޮޑެތި ސިޓީތަކުން އިސްލާމީ ޝިއާރުތައް ފެންނަމުންދާތީ ޓްރަމްޕް ވަރަށް ކޯފާވެގެން ވާހަކަ ދެއްކެވިއެވެ.

އިސްލާމީ ޝަރީއަތާއި އިސްލާމީ ސަގާފަތަކީ ހުޅަނގުގެ "ތަހުޒީބު ގައުމުތަކުން" ފެނިގެންވާނެ ޝިއާރުތަކާއި ގޮތްތައް ނޫންކަމަށާ އިސްލާމީ ޝަރީއަތާ ގުޅޭ އެއްވެސް ކަމެއް އެމެރިކާގައި ތަންފީޒުވިޔަ ނުދޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މުސްލިމުންނަށް ހިޖުރަ ކުރެވޭގޮތަށް ޔޫރަޕުން ހުޅުވާލާފައިވާތީއާއި އެކަމުގެ ސަބަބުން ޔޫރަޕްގައި މުސްލިމުން ގިނަވާތީވެސް ކޯފާވެގެން ޓްރަމްޕް ވާހަކަ ދެއްކެވިއެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި މުސްލިމުންގެ އާބާދީ އިތުރުވާގޮތަށް ޔޫރަޕުން ހިޖުރައިގެ ސިޔާސަތު ބައްޓަންކޮށްފައި އޮތުމަކީ ނަސާރާއިންނަށާއި ނަސާރާއިންގެ ޒަމާންވީ ސަގާފަތަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިކަން އެންމެ ބޮޑަށް ފެންނަނީ އިނގިރޭސިވިލާތުންކަމަށާ މިއީ ހިތާމަހުރިކަމެއްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް