ހުރުމުޒު ހުރަސްކުރަން އުޅުނު އިނގިރޭސިވިލާތުގެ ދެ އުޅަނދަކަށް ހަމަލާތަކެެއް އަރައިފި

ލަންޑަން (27 އޮގަސްޓް 2026) : ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު އިނގިރޭސި ކުންފުންޏެއްގެ ތެޔޮ ޓޭންކަރަކަށް ހަމަލާއެއް އެރުމުގެ ސަބަބުން އޭގައި އަލިފާން ރޯވެފައިވާކަމަށް އިނގިރޭސިވިލާތުގެ "މެރިޓައިމް ޓްރޭޑް އޮޕަރޭޝަން އާބެހޭ އިދާރާ" އިން ބުނެފިއެވެ.

އެ އިދާރާ ބުނާގޮތުން އެޓޭންކަރަށް އަރާފައިވަނީ ޑްރޯން ހަމަލާއެއްކަމަށް ބެލެވޭކަމަށާ ހަމަލާއެރީ މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. ހަމަލާއާ ގުޅިގެން އަލިފާން ރޯވީ އެ ޓޭންކަރުގެ އިންޖީނު ރޫމުގައެވެ. ނަމަވެސް އެޓޭންކަރުގެ ފަޅުވެރިންގެ މަސައްކަތުން އަލިފާންގަނޑުވަނީ ނިއްވާލާފައެވެ. އަލިފާނުގެ ސަބަބުން ތެޔޮލީކުވުންފަދަ ކަމެއް އަދި ފާހަގަކުރެވިފައި ނުވާކަމަށާ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުކަމަށް އިނގިރޭސި "މެރިޓައިމް ޓްރޭޑް އޮޕަރޭޝަން އާބެހޭ އިދާރާ" އިން ބުނެފައިވެއެވެ.

އީރާނުން ވަނީ އެގައުމުގެ ހުއްދައަކާ ނުލައި ހުރުމުޒު ކަނޑުއޮޅި ހުރަސްނުކުރެވޭނެކަމާއި ހުރަސްކުރަންއުޅޭ ކޮންމެ އުޅަނދަކަށް ހަމަލާދޭނެކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދީފައެވެ. ހުރުމުޒު ހިއްސާކުރާ ދެގައުމު ކަމަށްވާ އީރާންއާއި އުމާން އިންވަނީ އެކަނޑުއޮޅިން ހުރަސްކުރާ އުޅަނދުތަކަށް ރައްކާތެރިކަމުގެ ގެރެންޓީ ދޭނެގޮތާއި އޭގެ ބަދަލެއްގެ ގޮތުން އުޅަނދުތަކުން ފީނަގާނެ މިންވަރަކާއި ފީނަގާނެ ގޮތުގެ ނިޒާމަކަށް މިހަފްތާގައި އެއްބަސްވެފައެވެ. މިއެއްބަސްވުމަށް އަމަލުކުރަން ފަށާނީ އީރާނުން ހުރުމުޒު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަސް އެތަން އަލުން ހުޅުވާލުމުންނެވެ.

ހުރުމުޒު އަލުން ހުޅުވާނީ އީރާން ބޭނުންވާ ޝަރުތުތަކަށް އެމެރިކާ ބޯލެނބުމުންކަން އީރާންވަނީ ހާމަކޮށްފައެވެ. އީރާނުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އެއްކޮށް ހުއްޓާލައި އަލުން ހަމަލާ ނުދޭނެކަމުގެ ޔަގީންކަން ދިނުމާއި އިސްރާއީލުން ފަލަސްތީނަށާއި ލުބްނާނަށް ދޭ ހަމަލާތައްވެސް ހުއްޓާލުމާއި ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކަށް ބަދަލުދޭން އެމެރިކާ އެއްބަސްވުމާއި އީރާން އާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ ފައިސާއާއި އެސެޓްތައް ދޭން އެއްބަސްވުމެވެ.

އެމެރިކާ ގެންދަނީ މިކަންކަމަށް ދެކޮޅު ހަދަމުންނެވެ. ޓްރަމްޕް ވަނީ ހުރުމުޒު ކަނޑުއޮޅި ވަނީ އެމެރިކާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާ އެމެރިކާގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން އެތަނުން ކޮންމެ ދުވަހަކު އެތައް ބޯޓެއް ހުރަސްކުރާކަމަށް ވިދާޅުވެފައެވެ. މިހެން ވިދާޅުވާއިރު ޓްރަމްޕް ގެންދަވަނީ ހުރުމުޒު ނުހުޅުވާތީ އީރާންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އީރާނުގެ މަސްއޫލުވެރިންވަނީ ޓްރަމްޕް ގެ މި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވަނީ ހުރުމުޒަކީ އެމެރިކާގެ ތަނެއްކަމަށްވެސް އިއުލާން ކުރައްވާފައެވެ.

ހުރުމުޒު ހުރަސްކުރާ އުޅަނދުތަކުގެ ހަރަކާތްތައް ބަލާ ކުންފުނިތައް ބުނާގޮތުން އެތަނުން ދުވާލެއްގެ މައްޗަށް ހުރަސްކުރަނީ އެންމެ ހައެއްކަ ބޯޓެވެ. މިކަނޑުއޮޅިއަކީ އީރާން އެތަން ބަންދުކުރުމުގެ ކުރިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 130 އާއި 140 އާ ދެމެދުގެ އުޅަނދުތައް ހުރަސްކުރާ ތަނެކެވެ.

އީރާންއާ ކޯޑިނޭޓް ނުކޮށް ހުރުމުޒު ހުރަސްކުރަން އުޅުނު އިނގިރޭސިވިލާތުގެ އެހެން އުޅަނދަކަށްވެސް އިއްޔެވަނީ ޑްރޯން ހަމަލާއެއް އަރައިފައެވެ. މި ހަމަލާދިން ކަމުގެ ތުހުމަތު އިނގިރޭސި ސަރުކާރުން ކުރަނީ އީރާނުގެ މައްޗަށެވެ. އީރާންވެސް މިކަން ދޮގުކޮށްފައެއް ނުވެއެވެ. އީރާނުންވަނީ އިރާގުގެ ތެޔޮޓޭންކަރުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދީފައެވެ. މީގެއިތުރުން އީރާންގެ ކިބައިން ހުއްދަ ހޯދާ އުޅަނދުތަކަށްވެސް ހުރުމުޒު ހުރަސްކުރުމުގެ ފުރުސަތު އެގައުމުން ދެމުން ގެންދެއެވެ.

comment ކޮމެންޓް