އީރާން އާ ދެކޮޅަށް އެމެރިކާ އިއުލާންކުރި އިގުތިސާދީ ހަނގުރާމައަށް އެއްބާރުލުން ނުދޭން ޗައިނާ ނިންމައިިފި

ބެއިޖިންގް (26 އޮގަސްޓް 2026) : ޗައިނާއާއި އެހެން ގައުމުތަކާމެދު އޮންނަ ވިޔަފާރިއާއި އިގްތިސާދީ ގުޅުންތަކަށް ހުރަސްއެޅުމުގެ ހައްގު އެމެރިކާއަށް ލިބިގެންނުވާ ކަމަށާ ޗައިނާ ވިޔަފާރީގެ މުއާމަލާތްތައް ހިންގާނެ ގައުމުތަކާއި ނުހިންގާނެ ގައުމުތައް ކަނޑައަޅާނީ އެމެރިކާއިން ނޫންކަމަށް ޗައިނާއާއިން ބުނެފިއެވެ.

އީރާން އިނދަޖައްސާލުމަށްޓަކައި އީރާނާ ވިޔަފާރިއާއި އިގްތިސާދާބެހޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެމެރިކާ ޗައިނާއަށް ދިން އިންޒާރަށް ރައްދު ދެއްވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ ޗައިނާއާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެކަމުގައެވެ. އީރާންއާ މުއާމަލާތް ނުކުރުމަށް އެމެރިކާ ދޭ އިންޒާރުތަކާއި ކުރާ އިލްތިމާސްތަކަކީ އދ.ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އެއްޗެއް ކަމަށްވާތީ އެކަމާ ޗައިނާ ދެކޮޅު ހަދާކަމަށްވެސް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެމެރިކާގެ އިންޒާރުތަކާ ގުޅިގެން ޗައިނާގެ އަމިއްލަ ހައްގުތަކާއި ވިޔަފާރީގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާ ޗައިނާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުންތައް ޚަރާބުކޮށް ވިޔަފާރީގެ މުއާމަލާތްތައް ގަޑުބަޑުކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެކަމަށްވެސް ޗައިނާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ލިން ޖިއާން

އީރާން އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށްޓަކައި މިހާތަނަށް ތާރީޚުގައި ވެސް ދުނިޔޭގެ ގައުމަކާ ދެކޮޅަށް އަޅާފައި ނުވާވަރުގެ ހަރުކަށި އަދި އަނިޔާވެރި ފިޔަވަޅުތަކެއް އެމެރިކާ ވަނީ އީރާނާ ދެކޮޅަށް އިއްޔެ އިއުލާން ކޮށްފައެވެ.

މިފިޔަވަޅުތަކަށް އެމެރިކާ ދީފައިވާ ނަމަކީ އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް ގެ ނަމެވެ. އެމެރިކާގެ ރައީސް ޓްރަމްޕް މިފިޔަވަޅުތައް ސިފަކުރައްވާފައިވަނީ "އިކޮނޮމިކް ޑީޑޭ" ގެ ގޮތުގައެވެ. އެމެރިކާއިން އިއުލާނުކުރި މިފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށާއި އެހެން ގައުމުތަކާ އީރާންއާ ދެމެދު ހިނގާ އިންޕޯޓް އެކްސްޕޯޓްގެ ހުރިހާ މުއާމަލާތްތަކާއި ބޭންކުގެ މުއާމަލާތްތައްވެސް ހުއްޓުވުމަށާއި ޓެކްނޮލޮޖީ އާއި ވައިގެ ދަތުރުފަތުރާއި ކަނޑުދަތުރުފަތުރާއި އެނޫންވެސް މުއާމަލާތްތައް ހުއްޓުވުމުގެ މައްޗަށެވެ.

މިދާއިރާތަކުގައި އީރާންއާ މުއާމަލާތްކުރާ ކޮންމެ ގައުމަކާ ދެކޮޅަށްވެސް ފިޔަވަޅުއަޅައި އެމެރިކާ ކޮންޓްރޯލްކުރާ ބޭންކިންގް ނިޒާމާއި ސްވިފްޓް ނިޒާމުންވެސް އެގައުމެއް ބޭރުކޮށްލާނެކަމުގެ އިންޒާރު އެމެރިކާވަނީ ދީފައެވެ. އީރާންއާއެކު މައިގަނޑު ގޮތެއްގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގަނީ ޗައިނާއާއި ރަޝިއާ އަދި އިންޑިއާ ފަދަ ބްރިކްސްގެ ގައުމުތަކުންނެވެ.

މީގެތެރެއިން ޗައިނާ މިވަނީ މިމައްސަލާގައި އެމެރިކާއަށް ބޯނުލަނބާނެކަމަށް ޑިޕްލޮމެޓިކް ބަހުރުވައިން ބުނެ އެމެރިކާއަށް ގޮންޖަހާފައެވެ. ޗައިނާގެ އެއްބާރުލުން ނުލިބިއްޖެނަމަ އެމެރިކާ އީރާން އިނދަޖައްސާލުމަށްޓަކައި ފެށި އިގްތިސާދީ މިހަނގުރާމަ ނާކާމިޔާބު ވެގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާއަކީ އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާއަށް ކެރޭވަރަށް ވުރެ އިގްތިސާދީ ގޮތުން މާވަރުގަދަ ގައުމެއްކަމަށް ޗައިނާއާ ދެކޮޅަށް ފިޔަވަޅެއް އެޅި ނަމަވެސް އެކަން އެމެރިކާ ކުރާނީ އެމެރިކާ ލަދުން ސަލާމަތް ވުމަށްޓަކައި ހަމައެކަނި ނަމެއްގައި ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. އެމެރިކާގެ ފިޔަވަޅުތަކަށް ބޯ ނުލަނބާނެކަން ޗައިނާ ހާމަކުރުމުން އެމެރިކާ ވަނީ ރައްދުގައި ޗައިނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަސްޖެހި މިކަމާމެދު ވިސްނުމަށްޓަކައި ޗައިނާއަށް އިތުރު ވަގުތު ދޭނެކަމަށް ބުނެފައެވެ.

އީރާންވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އިގްތިސާދީ ޓެރަރިޒަމް ކަމަށް ސިފަކޮށް އެމެރިކާގެ އިގްތިސާދީ ޓެރަރިޒަމަށް ވާގިވެރިވާ އެއްވެސް ގައުމެއްގެ އުޅަނދަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްނުކުރެވޭނެކަން ހާމަކޮށްފައެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވަނީ ޗައިނާއާއި އީރާނާ ދެމެދު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކަކީ އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނީ އިމުގެ ތެރެއިން ހިންގާ މުއާމަލާތްތަކެއްކަން އެމެރިކާއަށް ހަނދާންކޮށްދީ އެމުއާމަލާތްތަކަށް ބުރޫއަރާނެ ކަމެއް ކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދެވޭނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ބައިނަލްއަގްވާމީ އިމުގެ ތެރެއަށް އެމެރިކާ ވަދެ އީރާންއާ މަޝްވަރާކޮށްގެން ސުލްޙައިގެ މަގު ޚިޔާރު ކުރުމަށާއި އީރާންއާ ދެކޮޅަށް އެމެރިކާ ގެންގުޅެމުންދާ ހަނގުރާމައާއި ތަޅާފޮޅުމުގެ ސިޔާސަތުގެ ބަދަލުގައި ސުލްހަ ޚިޔާރު ކުރުމަށްވެސް ޗައިނާގެ ތަރުޖަމާންވަނީ އެމެރިކާއަށް އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް