ކުޑަކުދިންނާ ގުޅޭ ދައުވާތަކާ ގުޅިގެން މެޓާއިން 17.1 ބިލިއަށް ޑޮލަރު ދައްކަނީ

ފައިސާ ދައްކަން އެއްބަސްވިނަމަވެސް މެޓާއިން ބުނަނީ ގޯހެއް ނުހަދާކަމަށް ----

ފޭސްބުކް އަދި އިންސްޓަގްރާމަކީ ކުޑަކުދިން އެއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތްތަކެއް ކަމަށާއި ކުޑަކުދިންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ އެމެރިކާގެ ސްޓޭޓްތަކުން އުފުލި ދައުވާތައް ނިންމުމަށް މެޓާ ޕްލެޓްފޯމްސްއިން 17.1 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ދައްކަން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ 29 ސްޓޭޓަކުން ކެލިފޯނިއާގެ ކޯޓަކަށް ހުށަހެޅި މި މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނިކޮށް މި އެއްބަސްވުމަށް އައުމުން، ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށް ހިންގި އެންމެ ބޮޑު އެއް ޝަރީއަތް މިވަނީ ނިމުމަކަށް އައިސްފައެވެ.

https://sun.mv/225698

މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ފޭސްބުކް އަދި އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރުގެ ކުދިންގެ އެކައުންޓްތަކަށް މުހިންމު ބަދަލުތަކެއް ގެންނަން މެޓާއިން ވަނީ އެއްބަސްވެފައެވެ. އޭގެ ތެރޭގައި ދުވާލަކު ބޭނުންކުރެވޭނެ ވަގުތު ކަނޑައެޅުމާއި ރޭގަނޑުގެ ވަގުތުތަކުގައި ބޭނުންކުރުން ހުއްޓުވާ ފީޗާތައް ހިމެނެއެވެ.

މި މައްސަލަތައް ހައްލުކުރުމަށް އެއްބަސްވި ނަމަވެސް، އެއްވެސް ގޯހެއް ހަދާފައިވާ ކަމަށް މެޓާއިން ގަބޫލެއް ނުކުރެއެވެ.

ދަ ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މި އެއްބަސްވުމުގައި ބައިވެރިވި 48 ސްޓޭޓާއި ޔޫއެސްގެ 4 ސަރަހައްދެއް (ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ، ޕުއެރްޓޯ ރީކޯ، އެމެރިކަން ސަމޯއާ، އަދި ނޮދަން މަރިއާނާ އައިލެންޑްސް) ގެ އާބާދީއަށް ބަލައި 10 އަހަރަށް ބަހާލައިގެން ދޭ އަހަރީ އިންސްޓޯލްމަންޓްތަކެއްގެ ގޮތުގައެވެ.

މިފަދަ އެހެން ދައުވާއެއް މެޓާއާ ދެކޮޅަށް ކުރި ނިއު މެކްސިކޯ މި އެއްބަސްވުމުގައި ބައިވެރިއެއް ނުވެއެވެ.

މި ފައިސާ ދެއްކުމުގައި މެޓާއިން ވަނީ ހާއްސަ ޝަރުތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ޓިކްޓޮކް އަދި އަލްފަބެޓްގެ ޔޫޓިއުބުން ވެސް 16 އަހަރު ނުވާ ކުދިންނަށް ދުވާލަކު އެއް ގަޑިއިރުގެ ލިމިޓެއް ކަނޑައަޅައި، އެ ދެ ކުންފުނިން ގުޅިގެން 5.3 ބިލިއަން ޑޮލަރު ސްޓޭޓްތަކަށް ދައްކަން އެއްބަސްނުވާހާ ހިނދަކު، މެޓާއިން ދައްކާނީ އެއްބަސްވި ޖުމްލަ އަދަދުގެ 70 އިންސައްތައެވެ. އަނެއް ދެ ކުންފުނިން އެ ޝަރުތުތަކަށް އެއްބަސްވެއްޖެނަމަ، ބާކީ އޮތް 30 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 5.3 ބިލިއަން ޑޮލަރު މެޓާއިން ދައްކާނެއެވެ.

މި މައްސަލައިގެ އިތުރުން ވެސް މެޓާ، ސްނެޕް، އަލްފަބެޓް އަދި ބައިޓްޑާންސްއާ ދެކޮޅަށް އެތައް ހާސް ދައުވާއެއް އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓް ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ. އޯކްލެންޑްގެ ޔޫއެސް ޑިސްޓްރިކްޓް ޖަޖް އިވޯން ގޮންޒާލޭޒް ރޮޖާސްގެ ކުރިމަތީގައި އެކުލަވާލާފައިވާ ފެޑެރަލް މައްސަލަތަކުގެ އިތުރުން، ލޮސް އެންޖެލިސް ކޯޓުތަކާއި 30 ވަރަކަށް ސްޓޭޓް ކޯޓުގައި ވެސް މައްސަލަތައް އެބަހުއްޓެވެ. މީގެ އިތުރުން ނަޝްވިލްގައި ވެސް މިދިޔަ ޖުލައި މަހުން ފެށިގެން ދަނީ ޝަރީއަތް ހިންގަމުންނެވެ.

މި އެއްބަސްވުމުގެ ކުރިން ވެސް މެޓާއަށް ގާނޫނީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެގޮތުން މިދިޔަ މާޗު މަހު ނިއު މެކްސިކޯގެ ޖޫރީއަކުން ވަނީ ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ނިންމައި 375 މިލިއަން ޑޮލަރު ދެއްކުމަށް ހުކުމްކޮށްފައެވެ. އަދި އޮގަސްޓް 6 ގައި ފަނޑިޔާރަކު ވަނީ މެޓާއަކީ އާންމު އުނދަގުލެއް ކަމަށް ކަނޑައަޅައި، އިތުރު 567 މިލިއަން ޑޮލަރު ދެއްކުމަށާއި ކުޑަކުދިން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން ކެންޓަކީގެ ބްރެތިޓް ކައުންޓީ ސްކޫލް ޑިސްޓްރިކްޓުން ކުރި ދައުވާގައި ވެސް މެޓާ، ސްނެޕް، އަލްފަބެޓް އަދި ބައިޓްޑާންސް ގުޅިގެން 27 މިލިއަން ޑޮލަރު ދޭން ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް