ވަޓްސްއެޕްގެ ރައްކާތެރިކަން ވަރުގަދަކުރުމަށް އާ ފީޗާތަކެއް ތަޢާރަފުކޮށްފި

ވަޓްސްއެޕަށް މިހާރުވަނީ ކޯލް ސްކްރީނިން ފީޗާއެއްވެސް އިތުރުކޮށްފައި ---

މެޓާ ކުންފުނީގެ ދަށުން ހިންގާ މަގުބޫލު މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި ޕްރައިވެސީ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ޕާސްކީ، ޓޫ-ސްޓެޕް ވެރިފިކޭޝަން އަދި ކޯލް ސްކްރީނިން އާ ގުޅޭ މުހިންމު އައު ފީޗާތަކެއް ތަޢާރަފުކޮށްފިއެވެ.

މި އައު ބަދަލުތަކާއެކު، އެ ޕްލެޓްފޯމުގައި ޕާސްކީ ފީޗާ ބޭނުންކުރާ މީހުންގެ އަދަދު މިހާރު އެއް ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށްވެސް ވަޓްސްއެޕުން ވަނީ އިޢުލާނުކޮށްފައެވެ.

ވަޓްސްއެޕުން އެންޑްރޮއިޑް ފޯނުތަކަށް 2023 ވަނަ އަހަރު އަދި އައިއޯއެސް (އައިފޯން) އަށް 2024 ވަނަ އަހަރު ތަޢާރަފުކުރި ޕާސްކީ ފީޗާއަކީ ފިންގާޕްރިންޓް، ފޭސް އައިޑީ ނުވަތަ ފޯނުގެ ސްކްރީން ލޮކް ބޭނުންކޮށްގެން އެކައުންޓަށް ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. މީގެ ކުރިން ޕާސްކީ މެދުވެރިކޮށް އެންކްރިޕްޓްކޮށް ޗެޓް ބެކަޕް ހެދުމުގެ ފުރުސަތު ދީފައިވާއިރު، އަލަށް ގެނައި ބަދަލާއެކު އެންޑްރޮއިޑާއި އައިއޯއެސް އެކުއެކީގައި ބޭނުންކުރާ ފަރާތްތަކަށް އެއް އެކައުންޓަކަށް އެއް ޕާސްކީއަށް ވުރެ ގިނަ ޕާސްކީ ސެޓްއަޕް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

https://sun.mv/226275

މި އައު ޚިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި އެޕްލިކޭޝަންގެ ސެޓިން ތެރެއިން އެކައުންޓް ސެޓިންއަށް ވަދެ، ޕާސްކީ ސެޓިން ޕޭޖުން ފަސޭހަކަމާއެކު އިތުރު ޑިވައިސްތަކަށް ވަކިވަކި ޕާސްކީ ހަމަޖެއްސޭނެއެވެ.

މިކަމުގެ ސަބަބުން ތަފާތު ޑިވައިސްތަކުގައި އެއް އެކައުންޓެއް ބޭނުންކުރާ ފަރާތްތަކަށް ސެކިއުރިޓީގެ ގޮތުން ބޮޑު ރައްކާތެރިކަމަކާއި އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވަޓްސްއެޕުން ހާމަކުރެއެވެ.

މީގެ އިތުރުން ވަޓްސްއެޕްގެ ޓޫ-ސްޓެޕް ވެރިފިކޭޝަން އަށް ވެސް ވަނީ މުހިންމު ކުރިއެރުމެއް ގެނެސްފައެވެ. ކުރިން ހަމައެކަނި ހަ އަދަދުގެ ޕިން ކޯޑެއް ބޭނުންކުރެވޭ ގޮތަށް އޮތް ނަމަވެސް، މިހާރު އިނގިރޭސި އަކުރާއި ނަންބަރު އަދި ޚާއްސަ ކެރެކްޓާތައް ހިމެނޭ ގޮތަށް ދިގު އަދި ވަރުގަދަ އަލްފާނިއުމެރިކް ފުލް ޕާސްވޯޑެއް ސެޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އަދި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، ސްކޭމްތަކާއި އޮޅުވާލުންތަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ސްމާޓް ކޯލް ސްކްރީނިން ފީޗާއެއްވެސް ވަޓްސްއެޕުން ވަނީ ތަޢާރަފުކޮށްފައެވެ. މި ފީޗާގެ ސަބަބުން ނުދަންނަ ނަންބަރުތަކުން އަންނަ ކޯލްތަކަކީ ކޮން ޤައުމަކުން އަންނަ ކޯލެއްކަމާއި، އެ ގުޅާ ފަރާތަކާއި ތިމާއާ ދެމެދު އެއްވެސް މިއުޗުއަލް ގްރޫޕެއް (ދެމީހުން އެކުގައި ހިމެނޭ ގްރޫޕެއް) އޮތްތޯ ކޯލް ނެގުމުގެ ކުރިން ބަލައިލެވޭނެއެވެ.

ސްކޭމް ހިންގާ ފަރާތްތަކުން އާންމުކޮށް އަވަސް އަރުވާލައިގެން މީހުން ހެއްދުމަށް މަސައްކަތްކުރާތީ، ކޯލް ސްކްރީނިން ފީޗާ މެދުވެރިކޮށް ލިބޭ އިތުރު މަޢުލޫމާތުތަކުގެ އެހީގައި، ނުދަންނަ ނަންބަރުތަކުން އަންނަ ކޯލްތަކަށް ޖަވާބުދޭނީތޯ ނުވަތަ ނޫންތޯ ނިންމުމަށް ޔޫޒަރުންނަށް ފަސޭހަވެގެންދާނެ ކަމަށް ވަޓްސްއެޕުން ބުނެފައިވެއެވެ.

comment ކޮމެންޓް