ކުރީގެ ދުވަސްވީ ފޯނުތަކުން ވަޓްސްއެޕަށް ލޮގިން ނުވެވޭގޮތް ހަދަނީ

މި ބަދަލު ގެންނަމުންދަނީ ސާވާ ސައިޑް އަޕްޑޭޓެއްގެ ގޮތުގައި ކަމަށްވާތީ، ފޯނު އަޕްޑޭޓް ކުރަން އުޅުމުގެ ކުރިންވެސް ޔޫޒަރުންނަށް މި އިންޒާރު ފެނާނެ ----

މާކުރީގެ އެންޑްރޮއިޑް އަދި އައިއޯއެސް އޮޕަރޭޓިން ސިސްޓަމްތައް ހުރި ފޯނުތަކުގައި ވަޓްސްއަޕް ބޭނުންކުރުން ހުއްޓުވައި، އެޕަށް ލޮގިން ނުވެވޭގޮތް ހެދުމަށްޓަކައި ރައްކާތެރިކަމުގެ އާ ފިޔަވަޅެއް އެޕްގެ ވެރިން ސާވާ ސައިޑް އަޕްޑޭޓެއްގެ މެދުވެރިކޮށް ޓެސްޓުކުރަން ފަށައިފިއެވެ.

މި ބަދަލަކީ އެކައުންޓްތަކުގެ ރައްކާތެރިކަން ވަރުގަދަކޮށް، ކުރީގެ އޮޕަރޭޓިން ސިސްޓަމްތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށާއި، ވަޓްސްއެޕް ބޭނުންކުރުމުގެ ކުރިން ފޯނުގެ ސޮފްޓްވެއާ އަޕްޑޭޓްކުރުމަށް ބާރުއެޅުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެކެވެ.

ޑަބްލިއުއޭބީޓާިއިންފޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންޑްރޮއިޑް އަދި އައިއޯއެސްގެ ބައެއް ޔޫޒަރުންނަށް މިހާރު ފެންނަމުންދާ އާ ސްކްރީނެއްގައި ވަޓްސްއެޕަށް ލޮގިންވުމުގެ ކުރިން ފޯނުގެ އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްކުރުމަށް އެދެއެވެ. މި އިންޒާރު ލިބޭ ފަރާތްތަކުން ވަޓްސްއެޕް ބޭނުންކުރެވޭނީ ފޯނުގެ ސެޓިންގްސްއަށް ގޮސް އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓް އިންސްޓޯލްކޮށްގެންނެވެ.

https://sun.mv/228536

މީގެއިތުރުން، ފޯނުގައި މިހާރު އިންސްޓޯލްކޮށްފައިވާ ސޮފްޓްވެއާ ވާޝަން ބަލާނެ ގޮތުގެ ތަފްސީލުވެސް މި ސްކްރީނުން ބުނެދެއެވެ. އަދި ސޮފްޓްވެއާ އަޕްޑޭޓް ނުކޮށް މި އިންޒާރު ދޫކޮށްލުމަށްފަހު އެޕަށް ލޮގިންވުމުގެ ފުރުސަތެއް ވަޓްސްއަޕުން ނުދެއެވެ.

މި ބަދަލު ގެންނަމުންދަނީ ސާވާ ސައިޑް އަޕްޑޭޓެއްގެ ގޮތުގައި ކަމަށްވާތީ، ފޯނު އަޕްޑޭޓް ކުރަން އުޅުމުގެ ކުރިންވެސް ޔޫޒަރުންނަށް މި އިންޒާރު ފެނާނެއެވެ. މި ފީޗާ މިހާރު ލިމިޓެޑް އުސޫލަކުން އެންޑްރޮއިޑް އަދި އައިއޯއެސްގެ ވަކި އެކައުންޓްތަކަކަށް ދޫކުރަމުންދާއިރު، މިއިންޒާރު ދެނީ ސީދާ ކޮން އޮޕަރޭޓިން ސިސްޓަމް ވާޝަންތަކެއް ހުރި ފޯނުތަކަކަށް ކަމެއް ވަޓްސްއަޕުން ހާމަކޮށްފައެއް ނުވެއެވެ.

އައުޓްޑޭޓް އެންޑްރޮއިޑް އަދި އައިއޯއެސް ވާޝަންތަކުގައި އެންމެ ފަހުގެ ސެކިއުރިޓީ ފިކްސްތައް ނުހުންނާތީ، އެފަދަ ފޯނުތަކަށް ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. ވަޓްސްއަޕުން ލޮގިންވުމުގެ ކުރިން އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްކުރުމަށް މަޖުބޫރުކުރަނީ، ބޭނުންކުރާ ފަރާތްތަކުގެ ފޯނުތަކުގައި ރައްކާތެރި އާ ސޮފްޓްވެއާ ހުރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

މީގެއިތުރުން، އޮފިޝަލް ނޫން ތިންވަނަ ފަރާތްތަކުގެ ވަޓްސްއަޕް ވެބް ކްލަޔަންޓްތައް ބޭނުންކޮށްގެން އެކައުންޓަށް ގުޅާ މީހުންނަށް އިންޒާރުގެ މެސެޖެއް ދެއްކުމުގެ ޓެސްޓުތަކެއްވެސް ވަޓްސްއަޕުން ދަނީ ހިންގަމުންނެވެ. މި އިންޒާރު "ލިންކްޑް ޑިވައިސަސް" ބައިން ފެންނަން ހުންނައިރު، އޮފިޝަލް އެޕަށް ބަދަލުވުމަށް އެދެއެވެ.

ނުރަސްމީ ކްލަޔަންޓްތަކަކީ ވަޓްސްއަޕް އެކައުންޓްތަކާ ގުޅުވައިދިން ނަމަވެސް، އެ ކުންފުނިން އުފައްދާފައިވާ ނުވަތަ އެހީތެރިކަން ދޭ އެޕްލިކޭޝަންތަކެއް ނޫނެވެ.

މީގެއިތުރުންވެސް، އެކައުންޓްތަކުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި "ސްކޭމް އެލާޓްސް" އަދި "ރެސްޓްރިކްޓެޑް ޗެޓްސް" ފަދަ ފީޗާތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ވަޓްސްއަޕުން ދަނީ ކުރަމުންނެވެ.

މިވަގުތު އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްކުރަން އަންގާ އިންޒާރު ފެންނަނީ އެންޑްރޮއިޑް އަދި އައިއޯއެސްގެ ވަކި އެކައުންޓްތަކަކަށް ކަމަށްވާތީ، މި އިންޒާރު ނުފެންނަ ފަރާތްތަކަށް އާދައިގެ މަތިން ވަޓްސްއަޕް ބޭނުންކުރެވޭނެއެވެ. ނަމަވެސް، ކޮން އޮޕަރޭޓިން ސިސްޓަމްތަކެއްގައި ކަމެއް އަދި އެންމެންނަށް މި ފީޗާ އާންމުކޮށް ދޫކޮށްލާނީ ކޮން އިރަކު ކަމެއް ވަޓްސްއަޕުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް