ފޮޓޯއާއި ވީޑިއޯގެ އިތުރުން ލިޔުމާއި ލިންކުތައް ވަކި ވަގުތެއްގައި އޮޓޯއިން ފޮނުވޭގޮތަށް ތާވަލުކުރެވޭ (ޝެޑިއުލް ކުރެވޭ) އާ ފީޗާއެއް ވަޓްސްއެޕުން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ޓެސްޓްކުރަން ފަށައިފިއެވެ.
ވަޓްސްއެޕްގެ މިފަދަ ޚަބަރުތައް ގެނެސްދޭ 'ޑަބްލިއުއޭބީޓާއިންފޯ'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފީޗާ މިހާރު ދޫކުރަން ފަށާފައިވަނީ އެންޑްރޮއިޑް ބީޓާ ވާޝަން 2.26.40.7 ބޭނުންކުރާ ބައެއް ފަރާތްތަކަށެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިތުރު ޔޫޒަރުންނަށް މި ފީޗާ ލިބިގެން ދާނެކަމަށް ބެލެވެއެވެ.
މި ފީޗާ ބޭނުންކުރުމަށްޓަކައި މެސެޖު ލިޔުމަށްފަހު ފޮނުވާ ފިތަށް އޮބައިގެން އިރުކޮޅަކު ހިފަހައްޓާލުމުން، މެސެޖު ފޮނުވަން ބޭނުންވާ ތާރީޚާއި ވަގުތު ނެގޭނެ އޮޕްޝަނެއް ފެންނާނެއެވެ. ލިޔުމާއި ލިންކުގެ އިތުރުން ފޮޓޯއާއި ވީޑިއޯވެސް ތާވަލުކުރެވޭއިރު، އެއްފަހަރާ ތާވަލުކުރެވޭނީ އެންމެ ފޮޓޯއެއް ނުވަތަ ވީޑިއޯއެކެވެ. އަދި ފޮޓޯ ނުވަތަ ވީޑިއޯ ތާވަލުކުރުމުގެ ކުރިން އޭގައި ކެޕްޝަން ލިޔުމާއި ޑްރޯއިންގް އެޑިޓަރު މެދުވެރިކޮށް ބަދަލުތައް ގެނައުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. މިގޮތަށް މެސެޖުތައް މަދުވެގެން 10 މިނެޓު ކުރިން، އަދި ގިނަވެގެން ދެ ހަފުތާ ކުރިން ތާވަލުކުރެވޭނެއެވެ.
ކަނޑައެޅިފައިވާ ވަގުތު ޖެހުމުން، އެޕްލިކޭޝަން ބަންދުކޮށްފައި ހުރިނަމަވެސް ނުވަތަ ފޯނު އޮފްލައިންކޮށް އޮތްނަމަވެސް ވަޓްސްއެޕުން އަމިއްލައަށް އެ މެސެޖެއް ފޮނުވައިދޭނެއެވެ. މި ފީޗާ ވަކިވަކި މީހުންނާއެކު ކުރެވޭ ޗެޓްތަކުގެ އިތުރުން ގްރޫޕް ޗެޓްތަކުގައިވެސް ބޭނުންކުރެވޭނެއެވެ. ނަމަވެސް، ގްރޫޕްތަކަށް ފޮނުވާ ތާވަލުކުރެވިފައިވާ މެސެޖުތައް ލިބޭނީ އެ މެސެޖެއް ތާވަލުކުރި ވަގުތު ގްރޫޕްގައި ތިބި މެންބަރުންނަށް އެކަންޏެވެ. އޭގެ ފަހުން ގްރޫޕަށް ގުޅޭ މީހުންނަށް އެ މެސެޖެއް ނުލިބޭނެއެވެ.
ތާވަލުކުރެވިފައިވާ މެސެޖުތައް ބަލައި، ފޮނުވުމުގެ ކުރިން އެ މެސެޖެއް ކެންސަލްކޮށް ފޮނުވާނުލައި ފޮހެލުމަށްޓަކައި ޗެޓް އިންފޯ އިންޓަފޭސްގައި ޚާއްޞަ ބައެއް ހިމެނިފައިވާނެއެވެ. ތާވަލުކުރެވިފައިވާ މެސެޖެއް ފޮހެލައިފިނަމަ، އެކަމާ ގުޅޭ އެއްވެސް ނޮޓިފިކޭޝަނެއް މެސެޖު ލިބެން އިން މީހާއަށް ނުދާނެއެވެ.
މީގެއިތުރުން، ތާވަލުކޮށްގެން ފޮނުވާ މެސެޖުތަކުގައިވެސް އެންޑް-ޓޫ-އެންޑް އެންކްރިޕްޝަން ހިމެނޭނެއެވެ. މި ފީޗާ މިހާރު ގޫގްލް ޕްލޭ ސްޓޯރު މެދުވެރިކޮށް އެންޑްރޮއިޑް ބީޓާ ޓެސްޓަރުންނަށް ލިބެމުންދެއެވެ.