ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ލަމްބަގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު އެ ކާރުގައި ކުޑަކުއްޖަކު ވެސް އިން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަދު ހެނދުނު 8:42 ކަންހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ކާރު ކޮންޓްރޯލުން ނެއްޓި، ހުޅުމާލެއަށް އަރާ ހިސާބު ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހިގެންނެވެ. ހޮޅިދަނޑިތަކުގައި ޖެހުމާއެކު ކާރު ވަނީ ފުރޮޅާލައިފައެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިއްބެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ކާރުގައި ތިބި ދެ މީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުގެ ސަބަބުން ލަމްބަގިނީ ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ސޯލާ ޕެނަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވިއެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.