"ޑޮލަރު އަގު ބޮޑުވާ ވާހަކަ ރައްޔިތުންނަށް ދެއްކޭނެ، ސަރުކާރުގެ ފިޔަވަޅުތަކުން ހާލަތު އިތުރަށް ވަނީ ގޯސް"

އެމްޑީޕީގެ އިސްވެރިންތަކެއް: ޑޮލަރު އަގު ބޮޑުވާ ވާހަކަ ރައްޔިތުންނަށް ދެއްކޭނެ، ސަރުކާރުގެ ފިޔަވަޅުތަކުން ހާލަތު އިތުރަށް ވަނީ ގޯސް ކަމަށް އިދިކޮޅު ސިޔާސީ ލީޑަރުން އަންނަނީ ވިދާޅުވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ޑޮލަރުގެ އަގު ބޮޑުވާ ވާހަކަ ރައްޔިތުންނަށް ދެއްކޭނެ ކަމަށާއި ސަރުކާރުގެ ފިޔަވަޅުތަކުން އިގުތިޞާދީ ހާލަތު ވަނީ އިތުރަށް ގޯސް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ސިޔާސީ ލީޑަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ ލީޑަރުން މިހެން ވިދާޅުވެފައި މި ވަނީ، ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިސްލާހު ގެނައުމާ ގުޅިގެންނެވެ.

https://sun.mv/226254

މި ކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރެއްގެ އަގު ދުވަހުން ދުވަހަށް އުފުލެމުން އަންނަ ކަމަށާއި ދިރިއުޅުމުގެ އަގުތައް ވެސް މައްޗަށް އަރަމުން އަންނަ ކަމަށެވެ.

މި ހާލަތުގައި ބޭރު ފައިސާ ބެހޭ ގާނޫނުތަކާއި ގަވައިދުތަކަށް ދުވަހުން ދުވަހަށް ބަދަލު ގެނައުމަކީ ސަރުކާރުގެ މިސްރާބެއް ނެތްކަން ހާމަވާ ކަމެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.


ނަޝީދު: އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިގުތިޞާދީ ހާލަތު އިތުރަށް ވަނީ ގޯސް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"މިފަދަ ނިންމުންތަކާއި ގެންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ބާޒާރުގެ އިތުބާރު ގެއްލި، އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެގެންދެއެވެ. ޑޮލަރުގެ އަގު އުފުލޭ ވާހަކަ ރިޕޯޓްކުރާ ނޫސްވެރިންނާއި މީޑިއާތަކާ ދެކޮޅަށް ދައުވާކުރެވޭ ގޮތަށް ގެނައި އެންމެ ފަހުގެ އިސްލާހަކީ ބަލައިގަނެވޭނެ ފަދަ ކަމެއް ނޫން" އޭނާ ލިޔުއްވާފައިވެއެވެ.

https://x.com/MohamedNasheed/status/2090096284954948031

މީގެއިތުރުން، ސަރުކާރު ގެނައި ބަދަލަކީ، ޑޮލަރުގެ ހަގީގީ މައްސަލައަށް ހައްލެއް ހޯދުމުގެ ބަދަލުގައި އެ މައްސަލަ ރައްޔިތުންނާ ހަމައަށް ގެނެސްދޭ މީހުންނަށް އަދަބު ދިނުމަށް ކުރާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ، އާންމު މަސްލަހަތާ ގުޅުންހުރި ކޮންމެ ކަމަކަށް ވެސް ނޫސްވެރިން ފާރަވެރިވާން ޖެހޭނެ ކަމަށާއި ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ އެ މީހުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ސޯލިހު

އެއީ، ގާނޫނުއަސާސީން ނޫސްވެރިންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި، ޞާލިހު ވަނީ ނޫސްވެރިކަމަށް ހުރަސްއެޅޭނެ ގާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ގެނައި އިސްލާހާ ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ޚިޔާލުފާޅު ކުރުމުގެ ޙައްޤުގައި ތަޅެއް ނޭޅުވޭނެ ކަމަށާއި ޑޮލަރު އަގު ބޮޑުވުމުގެ ކަންބޮޑުވުމުގެ ވާހަކަ ރައްޔިތުންނަށް ދެއްކޭނެ ކަމަށެވެ.

https://x.com/abdulla_shahid/status/2090033703850553486

މިގޮތުން، ސަރުކާރުގެ އިގުތިޞާދީ ސިޔާސަތު އޮތީ ބޮޑު ތަނުން ފެއިލްވެފައި ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

"މިސްރާބު ހަމަ މަގަށް ނޭޅިއްޖެނަމަ ޤައުމުގެ އިޤްތިޞާދަށް އިޢާދަ ނުކުރެވޭފަދަ ގެއްލުންވެ ރައްޔިތުން ބިކަވެ ވިޔަފާރިތައް ފުނޑުފުނޑު ވެދާނެ" ޝާހިދު ވިދާޅުވިއެވެ.

މި ބިލާ ގުޅިގެން އިދިކޮޅު އެހެން ސިޔާސީ ބޭފުޅުންނާއި ނޫސްވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ މީޑިއާތަކުގެ އަނގަބަންދުކޮށް ހަގީގަތް ފޮރުވުމަށް ކުރާ ކަމެއް ކަމަށް ބުނަމުންނެވެ.

comment ކޮމެންޓް