މާލެއާއި ބައެއް ރަށްތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީއަށް 2024ގައި ވަރަށް ބޮޑު ފައިދާއެއް ލިބުމަށް ފަހު، މިދިޔަ އަހަރު ފައިދާ 33 ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ 2025ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ، އެ ކުންފުނީގެ މާލީ ހިސާބުތަކާއި އެ ކުންފުނީގެ ސަބްސިޑަރީ އައިލެންޑް ބެވަރެޖް މޯލްޑިވްސް ހިމެނޭ ގޮތަށް ޖުމްލަ މާލީ ހިސާބުތައް ހިމަނައިފައެވެ. އައިލެންޑް ބެވަރެޖްއަކީ ތާޒާ ފެން އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ ކުންފުންޏެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެމްޑަބްލިޔުއެސްސީއަށް 2024ގައި 1.58 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 1.37 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެއީ 12 ޕަސެންޓްގެ ވެއްޓުމެކެވެ.
އާމްދަނީއާއެކު، އެމްޑަބްލިޔުއެސްސީގެ ފައިދާ ވަނީ 217 މިލިއަން ރުފިޔާއިން 145 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެއީ 71.8 މިލިއަން ރުފިޔާގެ ފަރަގެއް ކަމަށްވާއިރު، 2024 ވަނަ އަހަރަކީ ފައިދާ ވަރަށް ބޮޑަށް އިތުރުވި އަހަރެކެވެ. އެގޮތުން، 2023ގައި ފައިދާގެ ގޮތުގައި ލިބުނީ 113 މިލިއަން ރުފިޔާ ކަމަށްވާއިރު، 2024ގައި އެ ކުންފުނިން އޮތީ ފައިދާ 91.6 ޕަސެންޓް އިތުރުކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ މިހާރުގެ އެމްޑީ ފަހުމީ، ކުންފުނީގެ މަސައްކަތްތައް ބައްލަވައިލެއްވުން: މިދިޔަ އަހަރު އެ ކުންފުންޏަށް 1.37 ބިލިއަންގެ އާމްދަނީއެއް ލިބުނު -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ
އެމްޑަބްލިޔުއެސްސީއަށް ލިބިފައިވާ އާމްދަނީގެ ތަފުސީލަށް ބަލާއިރު، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީގެން 1.07 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފެންފުޅިއާއި އައިސް ވިއްކައިގެން 159 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފެންހޮޅި ފަދަ ތަކެތި ވިއްކައިގެން 4.31 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެ އިތުރުން އެ ކުންފުންޏަކީ ގިނަ މަޝްރޫއުތަކެއް ވެސް ހިންގާ ކުންފުންޏެއް ކަމަށްވާއިރު، އިމާރާތް ކުރުމުގެ މަސައްކަތުން އެމްޑަބްލިޔުއެސްސީއަށް ވަނީ 347 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.
ހަމައެއާއެކު، ބިލުތައް ނުދެއްކުމުން ކުރި ޖޫރިމަނާއާއި އަޅައިފައިވާ އެހެނިހެން ފިޔަވަޅުތަކުން މިދިޔަ އަހަރު ލިބުނު ފައިސާގެ އަދަދު 31.8 މިލިއަން ރުފިޔާއަށް އަރައެވެ.
އެމްޑަބްލިޔުއެސްސީގެ އިދާރީ ޚަރަދުތަކަށް ބަލާއިރު، 2024ގައި މުވައްޒަފުންނަށް 201 މިލިއަން ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 217 މިލިއަނަށް އިތުރުވެފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު މުސާރައަށް ހޭދަކުރި 67.8 މިލިއަން ރުފިޔާއާއި ގައުމުން ބޭރުގައި މުވައްޒަފުން ތަމްރީނު ކުރުމަށް ދިޔަ 9.79 މިލިއަން ރުފިޔާ ހިމެނެއެވެ.
މި ސަރުކާރުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފުރަތަމަ އައްޔަންކުރީ އަބްދުލް މަތީންއެވެ. އެހެންނަމަވެސް، މިދިޔަ އޭޕްރިލް މަހު އޮތް އިންތިޚާބުތަކަކުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުން، ސަރުކާރަށާއި ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެނައެވެ. އަދި އެ މަހުގެ 12ވަނަ ދުވަހު މަތީން ވެސް އޭނާގެ އިސްތިއުފާ އިއުލާންކުރެއްވިއެވެ.
އެއަށްފަހު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރެއްވީ ސްޓެލްކޯގައި ކުރިން އެ މަގާމު ފުރުއްވި ހުސެއިން ފަހުމީއެވެ.