މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާ ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ ޢަމަލީ ދިރާސާ ފަށުން... ފޮޓޯ/ އެމްޑަބްލިއުއެސްސީ

މާލެ ސަރަޙައްދުގެ ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމަށް ޓަކައި ހަދަންޖެހޭ އަމަލީ ދިރާސާތަކުގެ މަސައްކަތް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.

މިއީ މިފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަޝްރޫޢެވެ.

އެމްޑަބްލިއުއެސްސީއިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫއަކީ 2040 ވަނަ އަހަރަށް ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.

މިހާތަނަށް ކުރެވުނު ދިރާސާތަކަށް ބަލާއިރު، މި ޕްލާންޓު ގާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ. މިހާރު ކުރިއަށްދަނީ މި މަސައްކަތް ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެތޯ ބެލުމަށް އެ ސަރަޙައްދުގައި ހަދަންޖެހޭ އަމަލީ ދިރާސާތަކާއި ފެން ތަހުލީލުކުރުމުގެ މަރުހަލާކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ނޯވޭގެ ފްލޯޝަން ކުންފުނިންނެވެ. މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން ރާއްޖެއަށް އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިއުއެސްސީއިން ވަޒަންކުރާނެއެވެ.

މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ ޢަމަލީ ދިރާސާ ފަށުން... ފޮޓޯ/ އެމްޑަބްލިއުއެސްސީ

މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ، ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ އުމްރާނީ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެންގުޅޭ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެޅޭ ބޮޑު ބާރަކަށް ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ތެރެއިން ފްލޯޝަންގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ސާމްޕަލް ނަގާފައެވެ. ފުރަތަމަ މަރުހަލާގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ކަނޑުގެ އަޑިން ނެގި މި ފެނަކީ އާދަޔާ ޚިލާފަށް ސާފު ފެނެކެވެ. ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ޤުދުރަތީ ފެނުގެ މަންސަތަކުގެ ތެރޭގައި ހިމެނޭނެ ފެނެއް ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީ މަސައްކަތްކުރަނީ ކަނޑުގެ ތަބީއީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ހިންގާ ރިވާސް އޮސްމޯސިސް ނިޒާމެއްގެ ދަށުންނެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިންސައްތަ އާއި 50 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ދަށްކުރެވިގެންދާނެއެވެ. އަދި ފެން ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްގެ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ފެން އުފައްދާ ޑިސެލިނޭޝަން ޕްލާންޓެއް ކަނޑު އަޑީގައި ބަހައްޓަން ބޭނުންވާ ދިރާސާއެއް ހެދުމަށް އެމްޑަންލިޔުއެސްސީ އިން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 18 އޮގަސްޓް 2024 ގައެވެ.

comment ކޮމެންޓް