ފެނުގެ ޚިދުމަތް ދިނުމުގައި ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އައްޑުއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ފެން ކުންފުނި އެމްޑަބްލިއުއެސްސީން މާދަމާއިން ފެށިގެން ރަސްމީކޮށް ހަވާލުވެ، ބިލުކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
ސަރުކާރުން ވަނީ ފެނަކަ އުވައިލަން ނިންމައި، އެ ކުންފުނީގެ ދަށުގައިވާ ކަރަންޓުގެ ހުރިހާ ޚިދުމަތެއް ސްޓެލްކޯއަށް، އަދި ފެނުގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއަށް ދޭން ނިންމައިފައެވެ.
އެއާއެކު އެމްޑަބްލިއުއެސްސީން މިއަދު ބުނީ، އައްޑުއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެ ކުންފުނިން މާދަން ރަސްމީކޮށް ހަވާލުވެ ރީޑިން ނެގުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ރަސްމީ ޔުނިފޯމުގައި އެ ދެ ސިޓީގެ ގޭގެއަށް ދާނެ ކަމަށެވެ. އެހެންކަމުން މީޓަރު ހަރުކޮށްފައިވާ ސަރަހައްދަށް އެ ކުންފުނީގެ މުވައްޒަފުންނަށް ފަސޭހައިން ވަދެވޭނެ ގޮތް ހެދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ހަމަ އެހެންމެ، އެމްޑަބްލިއުއެސްސީން ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދުމަށް އެ ކުންފުނީގެ އެޕްލިކޭޝަން ޑައުންލޯޑުކޮށް ޚިދުމަތަށް ރަޖިސްޓްރީވުމަށް ވެސް އެ ކުންފުނިން އެދެއެވެ.
އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން ގޫގަލް ޕްލޭ ސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑުކުރެވޭނެއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުވަމުންދާ މަރުހަލާގައި އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ޚިދުމަތަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.
އައްޑުއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅެވެ.