ނަޝީދު, ސަރުކާރަށް: "ޑޮލަރުގެ އަގު 10 ދުވަސް ތެރޭގައި 19އަށް ތިރިކުރޭ"

ކުރީގެ ރައީސް މުޙައްމަދު ނަޝީދު: ޑޮލަރުގެ އަގު ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި 19 އަށް ތިރިކުރަން ގޮވާލައިފި -- ސަން ފޮޓޯ: ޝާތިއު

ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ކުޑަކޮށް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް ކުޑަކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވަނީ މާދަމާ ރޭ އެމްޑީޕީއިން ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގައި އެ ޕާޓީގެ ފަރާތުން ސަރުކާރަށް ޑިމާންޑުތަކެއް ކުރާނެކަމަށެވެ.

އެގޮތުން އެ ޕާޓީގެ ފަރާތުން ޑިމާންޑުކުރާނެ އެއްކަމަކީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށްދިނުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން މި ބުނަނީ ކުރިއަށް މި އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ސަރުކާރުން ތިރިކޮށްދޭށޭ. ދެން އެއް މަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް. އެ 17 ރުފިޔާއަކީ ޖެނުވަރީ 2024 ގައި މިހާރުގެ ސަރުކާރުން، ސަރުކާރާ ހަވާލުވިއިރުގައި އޮތް މިންވަރަށް. މިކަންކަން މިހެން ކުރުމަށް އަޅުގަނޑުމެން މި ގޮވާލަނީ. އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ޑޮލަރުގެ އަގު ކުޑަކޮށްދޭނެކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. ޑޮލަރުގެ އަގު ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ އިގްތިސޯދީ އިލްމުގައި، ވަރަށް ސާފުކޮށް އެނގެން އޮތް ކަންކަން ކަމަށާއި ސަރުކާރުން އެކަންކަން ނުކޮށް ތިބެ، ޑޮލަރުގެ އަގު އިންތިހާއަށް އަރައިގެން ދާން ދޫކޮށްލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑިޕީ

"އުންމީދު ކުރަނީ ސަރުކާރުން މި ކަންކަމަށް އިޖާބަ ދެއްވާނެ ކަމަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެމުންދަނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުޚީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

https://sun.mv/225860

މިނިސްޓަރު ވަނީ ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައި ހެނދުނު ހޭލާއިރު އެދުވަހުގެ ރޭޓަކީ 22 ރުފިޔާ ކަމަށް ޖަހާފައި ހުންނަ ކަމަށާއި އެފަދަ ސުރުޚީތަކަކީ "ޕެނިކް އުފައްދައި"، "ފޭކް ނިއުސް" ފަތުރައި "މެނިޕިއުލޭޓް" ކުރުމަށް ޖަހާ ސުރުޚީތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފައެވެ.

ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.

comment ކޮމެންޓް