ޑޮލަރުގެ އަގު އުފުލެނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުޚީތަކުގެ ސަބަބުން: ސައީދު

އިކޮނޮމިކް މިނިސްޓަރު ސައީދު: -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އޮންނަކަން ގަބޫލުކުރައްވައި، އެ ބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެމުންދަނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުޚީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރޭ ގެނެސްދިން 'އިގްތިސޯދުގެ ދެ ފަރާތް' ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑޮލަރުގެ އަގު އެއް ދުވަހު 21 ރުފިޔާގައި އަދި އަނެއް ދުވަހު 22 ނުވަތަ 23 ރުފިޔާގައި އުޅޭ ކަމަށް އަޑުއިވިވަޑައިގަންނަވާ ކަމަށެވެ.

އަދި ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައި ހެނދުނު ހޭލާއިރު މިއަދުގެ ރޭޓަކީ 22 ރުފިޔާ ކަމަށް ޖަހާފައި ހުންނަކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެފަދަ ސުރުޚީތަކަކީ "ޕެނިކް އުފައްދައި"، "ފޭކް ނިއުސް" ފަތުރައި "މެނިޕިއުލޭޓް" ކުރުމަށް ޖަހާ ސުރުޚީތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

https://sun.mv/225855

"ހެނދުނު ހޭލާއިރު ހުރެދާނެ މިއަދުގެ ޑޮލަރުގެ ރޭޓަކީ 22 ރުފިޔާކަމަށް. އެހެން ހެދީމާ މިކަހަލަ ކުޑަ އިކޮނޮމީއެއްގައި ނަގަން ޖެހޭ ބްލަންޓު ބޮޑުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވިދާޅުވީ، ޑޮލަރުގެ އަގު އުފުލޭ ގޮތަށް ހަބަރުތައް ގެނައުމަކީ މުޅި އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

"އެ ހެޑްލައިންތަކުން ސަރުކާރަށް ނެގެޓިވް އިމޭޖެއް އައިސްދާނެ ކަމަށް ކްރިއޭޓު ކުރުމުން، އޭގެ އަސަރު އެ ކުރަނީ މުޅި އިގްތިސޯދަށް،" ޝިމާދު ވިދާޅުވިއެވެ.

ފޯރަމްގައި ވާހަކަދައްކަވަމުން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އޮތްކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ޑޮލަރުގެ ވިޔަފާރީގެ ބޮޑު އިންސައްތައެއް ކޮންޓްރޯލް ކުރަނީ އެ ބާޒާރުން ކަމަށެވެ.

https://sun.mv/225854

އޭނާ ވިދާޅުވީ ރާއްޖޭގައި ޑޮލަރު ނުލިބިގެން ނޫޅޭ ކަމަށާއި، ނަމަވެސް ވިޔަފާރިތަކަށް ޑޮލަރު ގަންނަން ލިބެނީ 35 ޕަސެންޓްގެ އާޓިފިޝަލް ޕްރައިސްއަކާ އެކު ބޮޑު އަގުގައި ކަމަށެވެ.

ފިރާގު އެކަން ފާހަގަކުރެއްވުމުން މިނިސްޓަރު ސައީދު ވަނީ ހެނދުނު ހޭލާއިރު އެ ދުވަހުގެ ރޭޓަކީ 22 ރުފިޔާ ކަމަށް ބުނުމުން ބާޒާރު އެކަމަށް ރިއެކްޓް ކުރާނެތޯ ސުވާލު ކުރައްވައި، އެއީ ޒިންމާދާރު ގޮތެއްތޯ ސުވާލު އުފައްދަވާފައެވެ.

ފިރާގު އިތުރަށް ވިދާޅުވީ ރާއްޖޭގެ މަނިޓަރީ ސިޔާސަތު ޒަމާނީ ގޮތަކަށް ބަދަލުކޮށް، "ސިންގަލް ކަރަންސީ އިކޮނޮމީ" އަކަށް ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ހުރި ޑޮލަރު ބޭނުންކުރަނީ ހަމައެކަނި ދިވެހިން ނޫންކަން ފާހަގަކުރައްވައި، ނުގަވައިދުން ވިޔަފާރިކުރާ ބޭރު މީހުންގެ ސަބަބުން ބޮޑެތި ލީކުތަކެއް އެބަހުރި ކަމަށާއި، ސިޔާސަތުތަކަށް ބަދަލު ގެނެސްގެން އެކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ބޮޑު އަގުގައި ބޭރު ފައިސާގެ ވިޔަފާރި ކުރުމަކީ ބައެއް ގައުމުތަކުގައި ގާނޫނީ ކުށެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފައެވެ.

comment ކޮމެންޓް