ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުން ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި މީހަކު ވަނީ، މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދުމުގެ ދަތިތައް ކުރިމަތިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އޭނާ ވަނީ ޕޭޕަލް އަދި މިހާތަނަށް އޮތީ ވިޔަފާރިތަކަށް ބޭނުންކުރެވޭ ގޮތަށް ނޫންކަމަށާއި ޕޭޕަލްއާ ނުލައި ވެސް، މިހާރުވެސް ވިޔަފާރިތަކަށް ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް ހުރިކަން ފާހަގަކޮށްފައެވެ.
އޭނާ ވަނީ، ކުދި ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕޭމެންޓްތަކަށް އަރާ ޓެކްސްކަން ފާހަގަކޮށް، ފައިސާ ލިބުމުގައި ވަރަށް ގިނަ ދުވަސްތައް ނަގާކަން ފާހަގަކޮށްފައެވެ. އަދި ގިނަ ފަހަރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮންނަނީ ކޭޝް ފްލޯ މެނޭޖުކުރުންކަން އޭނާ ފާހަގަކުރިއެވެ.
އެ ވާހަކަތައް އަޑުއައްސަވައި ރައީސް ވަނީ އެ ކަންތައްތަކަކީ ވަރަށް މުހިންމު ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.
ތި ވިދާޅުވި ހުރިހާ ކަމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލެއް ގެންނަން މަސައްކަތްކުރާނެ ކަންތައްތައް، އެއީ ޚާއްސަކޮށް ޒުވާނުންނަށް އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައި ދިނުމަށް
ރައީސް ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވަނީ، އެ ކަންބޮޑުވުންތަކާ ގުޅުވައި، ފައިސާއާ ގުޅުންހުރި ކުދިކުދި ކަންކަން ސަރުކާރުން ފަސޭހަކޮށްދެވިއްޖެ ނަމަ ވިޔަފާރި ވެސް ފަސޭހައިން ކުރިއަށްގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.
ދިވެހީންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ފައިސާ ފޮނުވުމާއި، ފައިސާ ބަލައިގަތުމުގެ އިތުރުން ފައިސާ މެނޭޖުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރާއްޖެއަށް ޕޭޕަލް ތައާރަފުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ މިދިޔަ ޖޫން 15ގައެވެ.
އެ ޚިދުމަތާއެކު ވެސް، ޑޮލަރުގެ ތާށިކަމާއެކު ބޭރު ފައިސާގެ މައްސަލަ ބޮޑުކަން ވިޔަފާރިތަކުން ފާހަގަކުރެއެވެ.