ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގެ އެންމެ ބޮޑު މައުރަޒު ކަމަށްވާ, ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026 އާއެކު، ހުޅުމާލޭގައި އަލަށް ތަރައްގީކޮށްފައިވާ ލަގްޒަރީ ވެނިއު، މެންހެޓަން ގްރޭންޑް ހޮޓެލް އާންމުކޮށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ.
މި މައުރަޒު ފެށުމަށް ކައުންޓްޑައުން ފަށާފައިވާއިރު، މިހާރު ބާކީ އޮތީ އެންމެ މަހެއްހާ ދުވަހެވެ.
އަންނަ ސެޕްޓެންބަރު މަހުގެ ހަތަކުން ނުވަޔަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އަހަރުގެ އެފްއެޗްއޭއެމް މައުރަޒު ވެގެންދާނީ، މެންހެޓަން ގްރޭންޑް ހޮޓަލުގެ ދޮރުތައް އާންމުންނަށް ރަސްމީކޮށް ހުޅުވާލުމުގެ ގޮތުން އެ ތަނުގައި ބާއްވާ ފުރަތަމަ ބޮޑު ހަރަކާތަށެވެ. މިއީ ރާއްޖޭގެ އެންމެ އާ ލަގްޒަރީ ވެނިއުގެ ގޮތުގައި ފާހަގަކުރެވޭ މި ހޮޓަލަށް އާންމުން ވަނުމަށް ލިބޭނެ ފުރަތަމަ ފުރުސަތު ކަމަށް ވުމާއެކު، މިއީ ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭނެ މައުރަޒެކެވެ. މި ހޮޓެލް އާންމުކޮށް ހުޅުވާލުމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ކަމެކެވެ.
އެފްއެޗްއޭއެމް އަކީ ރާއްޖޭގެ ހޮސްޕިޓާލިޓީއާއި، ކާބޯތަކެތީގެ ޚިދުމަތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތައް އެއްތަންކޮށްދޭ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް ހަރަކާތެވެ. މިއަހަރުގެ މައުރަޒުގައިވެސް މި ސިނާއަތްތަކުގެ އެންމެ ބޮޑެތި ނަންތައް ބައިވެރިވާނެއެވެ. އަދި މެންހެޓަން ގްރޭންޑް ހޮޓެލް ފަދަ އާ ލަގްޒަރީ މާހައުލެއްގައި މި ހަރަކާތް ކުރިއަށްދިއުމަކީ، މައުރަޒުގެ ފެންވަރު އިތުރަށް ފުރިހަމަވެގެންދާނެ ކަމެކެވެ.