ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ދިރާގު ގޭމާސް ގިލްޑް ޑީޖީޖީއިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް ޑީއެމްޖީސީ 2026، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަން ދިރާގުން އިއުލާންކޮށްފިއެވެ.
ރާއްޖޭގެ އީ ސްޕޯޓްސް ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރާ ޑީޖީޖީއިން އިންތިޒާމުކުރާ މި މުބާރާތަކީ، ރާއްޖޭގެ ގޭމިން ދާއިރާގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.
ފާއިތުވި އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު މިއީ މި ދާއިރާއަށް ދިވެހި ޒުވާނުންގެ މެދުގައި އޮތް މަގުބޫލުކަމާއި ތަރުހީބު ހާމަކޮށްދޭ ހެއްކެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ މިއަހަރުގެ މުބާރާތުގައި މޮބައިލް ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގެ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއަހަރުގެ މުބާރާތުގައި ހިމެނޭ ގޭމްތަކަކީ މޮބައިލް ލެޖެންޑްސް: ބޭން ބޭން، ޕަބްޖީ މޮބައިލް، ރޮކެޓް ލީގް، އެފްސީ 26 އަދި ޓެކެން އެއިޓެވެ.
ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކުޅުންތެރިއަކަށް ވެސް އެއްވެސް ފީއަކާ ނުލައި މި މުބާރާތުގެ ކޮލިފައިންގައި ބައިވެރިވެ ޖުމްލަ 150,000 ރުފިޔާގެ ފައިސާގެ އިނާމު ތެރެއިން ބައެއް ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތާއި ޑީޖީޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ޑީޖީޖީ ދޮޓް އެމްވީ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.