ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާކުރައްވައިފި

ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު --- ސަން ފޮޓޯ/ މޫސާ ނަދީމް

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އެ މަގާމުން މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

އޭނާ އެ މަގާމުން ރިޓަޔާކުރެއްވީ މަގާމުގައި 11 އަހަރު ހޭދަކުރެއްވުމަށް ފަހެވެ.

އިސްމާއިލް ރިޓަޔާ ކުރެއްވުމާ ގުޅިގެން، ދިރާގުގެ ސީއީއޯގެ މަގާމާ މިއަދު ހަވާލުވެވަޑައިގަތީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒްއެވެ. އޭނާ ދިރާގާ ގުޅުނީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑަޝިޕް ތަޖުރިބާއާއެކުއެވެ. މި މަގާމަކީ އެ ކުންފުނީގެ މައި ހިއްސާދާރު ބިޔޮން އިން، ދިރާގު ބޯޑުގެ ކޮމިޓީގެ ބެލުމުގެ ދަށުން އައްޔަންކުރާ މަގާމެކެވެ.

ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި އިސްމާއިލް ވަނީ ދިރާގުގެ މުވައްޒަފުންނާއި އެހީތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިރާގަކީ ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓަކާއި ގޭބީސީތަކަށް ޚިދުމަތް ދެމުންދާ، ދާއިރާގެ އެންމެ ކުރީގައި އޮތް ކުންފުނިކަން އޭނާ ފާހަގަކުރެއްވިއެވެ.

އިސްމާއީލް ވަނީ އެކި ދާއިރާތަކުން 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައެވެ.

އޭނާއަކީ 1988 ގައި ދިރާގު އުފެދުނުއިރު ވެސް އެ ކުންފުނީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގައި ޖީއެސްއެމް ޚިދުމަތް ތައާރަފްކުރުމާއި، ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމް ހިންގުމާއި، 2006 ގެ ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލްގެ އިތުރުން އެތެރޭގެ ސަބްމެރިން ކޭބަލްތައް އަޅައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

މީގެއިތުރުން 2011 ގެ އައިޕީއޯ މާކެޓްކޮށް މެނޭޖްކުރުމުގައި ވެސް އިސްކޮށް އުޅުއްވި އިސްމާއިލް، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމާ 2015 ގައި ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ ކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ.

comment ކޮމެންޓް