އިންޑިއާގެ އިންޓަރެސްޓް ރޭޓު ހިފަހައްޓައިފި

އިންފްލޭޝަނާ ގުޅޭ އިތުރު މައުލޫމާތު ސާފުވަންދެން، އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ގެ ބެންޗްމާކް ރީޕޯ ރޭޓު 5.25 ޕަސެންޓުގައި ބެހެއްޓުމަށް އެ ބޭންކުން މިއަދު ނިންމައިފިއެވެ.

އާރުބީއައިގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާ ވިދާޅުވި ގޮތުގައި، މިގޮތަށް ނިންމީ އެ ބޭންކުގެ މަނިޓަރީ ޕޮލިސީ ކޮމިޓީގެ ހަ މެންބަރުންގެ އިއްތިފާގުންނެވެ. އަދި މަނިޓަރީ ޕޮލިސީގެ ސްޓޭންޑް "ނިއުޓްރަލް" ގޮތެއްގައި ބޭއްވުމަށް ވެސް އެ ކޮމިޓީން ވަނީ ނިންމާފައެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ތެލާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން އިންފްލޭޝަން މައްޗަށް ގޮސްފައިވީ ނަމަވެސް، އާންމުކޮށް ތަކެތީގެ އަގުތައް ހުރީ ކޮންޓްރޯލް ކުރެވިފައެވެ.

މި ބައްދަލުވުމުގައި އާރުބީއައިއިން ވަނީ މި ހިނގާ މާލީ އަހަރުގެ އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރާ މިންވަރު 5.1 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފައެވެ.

މީގެ އިތުރުން، އިންޑިއާގެ އިގުތިސާދީ ދުވެލި (ޖީޑީޕީ) ކުރިއަރާނެ ކަމަށް ލަފާކުރާ މިންވަރު ވަނީ 6.6 ޕަސެންޓުން 6.7 ޕަސެންޓަށް މަތިކޮށްފައެވެ.

މަލްހޯތުރާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެކުވެސް، އިންޑިއާގެ އެތެރޭގެ ޑިމާންޑް ރަނގަޅުވުމުގެ ސަބަބުން އިގުތިސާދީ ދުވެލި އަންނަނީ ކުރިއަރަމުންނެވެ.

އޭޝިއާގެ އެހެން ބައެއް ގައުމުތަކުން ހަކަތައިގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން އިންޓަރެސްޓް ރޭޓުތައް މަތިކުރަމުން ދިޔަ ނަމަވެސް، އިންޑިއާއިން މިވަގުތު އިސްކަންދެނީ އިގުތިސާދީ ހާލަތު އިތުރަށް ދިރާސާކުރުމަށް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އާރުބީއައިއިން ބުނި ގޮތުގައި، އެ ގައުމަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މިހާތަނަށް 41 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އަދި މާކެޓުގެ އުސޫލުތަކާ އެއްގޮތަށް ފައިސާގެ އަގު ކަނޑައެޅުމަށް ދޫކޮށްލާފައި އޮތް ނަމަވެސް، އިންޑިއާ ރުޕީގެ އަގު ކުއްލިއަކަށް ވެއްޓުނަ ނުދިނުމަށް ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

comment ކޮމެންޓް