ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރި ގަތުލުއާންމުގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދޭން ރާވައިފައިވާ ތަގުރީރު އިންތިޒާމްކުރުމުގައި އިންޑިއާގެ އެއްވެސް ދައުރެއް ނެތް ކަމަށް އެ ގައުމުން ބުނެފިއެވެ.
އިންޑިއާއިން އެގޮތަށް ބުނީ ހަސީނާގެ ތަގުރީރާ ގުޅިގެން އިންޑިއާގެ ސްޓޭންޑަކީ ކޮބާތޯ ސާފުކޮށްދިނުމަށް ބަންގްލަދޭޝްއިން އެދުމުންނެވެ.
ދެހާސް ސައްވީސް ވަނަ އަހަރު ދަރިވަރުން އިސްވެ އޮވެ ކުރި މުޒާހަރާތަކަށްފަހު ސަރުކާރު ވައްޓާލި ފަހުން ހަސީނާ ދިރިއުޅުއްވަމުންގެންދަނީ އިންޑިއާގައެވެ.
ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި ނެތް ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް އަންގާރަ ދުވަހު ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
އަދި ތަގުރީރު އިންތިޒާމް ކުރަނީ އަމިއްލަ މީޑިއާ ކުންފުންޏަކުން ކަމަށްވެސް ޖައިސްވާލް ފާހަގަކުރެއްވިއެވެ.
އުމުރުން 78 އަހަރުގެ ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަހުން ފުރަތަމަ ފަހަރަށް އާންމުކޮށް ދޭ ތަގްރީރަކީ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާ އިން އިންތިޒާމްކޮށްގެން ނިއުދިއްލީގައި ބާއްވާ އިވެންޓެއްގައި ދޭން ހަމަޖެހިފައިވާ ތަގުރީރެކެވެ.
"ފިލައިގެން އުޅޭ ޝެއިޚް ހަސީނާ ހިމެނޭ ގޮތަށް މަނާ ޖަމާއަތްތަކުގެ އެއްވެސް މީހަކަށް ސިޔާސީ ބަޔާންތައް ނެރުމަށް ނުވަތަ ބަންގްލަދޭޝްގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުމަށް އަމާޒުކޮށްގެން އެއްވެސް ހަރަކާތެއް ނުހިންގޭނެ ގޮތް ހެދުމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ ކަމަށް ބަންގްލަދޭޝް އިން އުންމީދު ކުރަން." ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިކް ރަހުމާންގެ އެޑްވައިޒަރު އެމް ހުމާޔޫން ކަބީރު ހޯމަ ދުވަހު ވިދާޅުވިއެވެ.
ދެގައުމުގެ ގުޅުން ގޯސްވީ 2024 ވަނަ އަހަރުގެ ޖުލައި މަހު ބަންގްލަދޭޝްގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ނިއުދިއްލީގެ ގާތް އެކުވެރިއެއް ކަމަށްވާ ހަސީނާ ވެރިކަމުން ދުރުކުރުމާ ގުޅިގެންނެވެ.
ބަންގްލަދޭޝް އިން ވަނީ އަންގާރަ ދުވަހު ހަސީނާގެ ތަގުރީރު އެ ގައުމުގެ މީޑިއާތަކުން ދެއްކުން މަނާކޮށްފައެވެ.
ބޮޑުވަޒީރުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އެޑްވައިޒަރު ޒާހިދު އުރު ރަހުމާން ވިދާޅުވީ ޕްލޭންކޮށްފައިވާ ތަގުރީރު ދެއްކުމަކީ ބަންގްލަދޭޝްގެ އެތެރޭގައި ހަސީނާގެ ތަގުރީރުތަކާއި ބަޔާންތަކާއި އިންޓަވިއުތަކާއި އޯޑިއޯ ނުވަތަ ވީޑިއޯ މެސެޖުތައް ޝާއިއުކުރުން ނުވަތަ ބްރޯޑްކާސްޓްކުރުން މަނާކުރާ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.
ހަސީނާގެ އަވާމީ ލީގު ޕާޓީން ވަނީ އެކަން ކުށްވެރިކޮށް، ބަންގްލަދޭޝް ސަރުކާރުން ނޫސްވެރިންނަށް ބިރު ދައްކަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ހަސީނާ ވެރިކަމުން ވަކިކުރި ފަހުން އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުން ގޯސްވެފައިވާއިރު، ފެބްރުއަރީ މަހުގެ އިންތިޚާބަށް ފަހު ތާރިކް ރަހުމާން ބަންގްލަދޭޝްގެ ވެރިކަމާ ހަވާލުވި ފަހުން ދެ ފަރާތުން ވެސް ދާދި ފަހުން ވަނީ ގުޅުންތައް އަލުން ބިނާކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައެވެ.
ހަސީނާގެ މައްޗަށް ޣައިރު ހާޒިރުގައި ގިނަ މައްސަލަތަކެއް ސާބިތުވެފައިވާއިރު، އޭގެ ތެރޭގައި ވެރިރަށް ޑާކާގެ އަގުބޮޑު ސަރަހައްދަކުން ގޯތި ބެހި މައްސަލައެއްވެސް ހިމެނެއެވެ. މީގެ އިތުރުން، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި ކޯޓުން ވަނީ ހަސީނާ މަރަން ވެސް މިދިޔަ އަހަރު ހުކުމް ކޮށްފައެވެ.