ރަތްކަނޑުގައި ދިން ހަމަލާއެއްގައި އިންޑިއާގެ ދިދަ ޖަހާފައިވާ އުޅަނދެއް ޔަމަނުގެ އައްސޭރި ފަށަށް ފެތިއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ޔަމަނުގެ މުޚާ ސިޓީގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ހުދައިދާގެ ދެކުނުން ހަމަލާ ދީފައި ވަނީ "އެމްއެސްވީ ފާއިޒް ނޫރޭ އޯލިޔާ" ކިޔާ ބޯޓަކަށެވެ. އެ ބޯޓުގައި 14 ފަޅުވެރިން ތިބި ކަމަށާއި އޭގެތެރެއިން 13 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށް އިންޑިއާގެ ޝިޕިން މިނިސްޓަރު ސަރްބަނަންދާ ސޮނޯވާލްއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާއިން ވަނީ އެއްވެސް ސަބަބެއްނެތި ދިން އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
މިއީ ފެބްރުއަރީ މަހު އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރި ފަހުން ބައެއް ތެޔޮ ޓޭންކަރުތަކުން ބަދަލުގައި ބޭނުން ކުރަމުން ދާ ރަތް ކަނޑުގައި ދިން އެންމެ ފަހުގެ ހަމަލާއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުގައި ވިޔަފާރި ބޯޓުފަހަރަށް ދޭ ހަމަލާތަކާ ގުޅިގެން ވަރަށް ކަންބޮޑުވާ ކަމަށެވެ.
"މި ސަރަހައްދުގައި ވިޔަފާރި ބޯޓުފަހަރުގެ އަމާޒު ކަނޑައަޅަން ޖެހޭއިރު، ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް މި ސަރަހައްދުގެ ބައިނަލްއަގްވާމީ ކަނޑުމަގުތަކުގެ ތެރެއިން މިނިވަންކަމާއެކު އަދި ހުރަހެއް ނެތި ދަތުރުފަތުރު ކުރޭވެނެ ގޮތެއް ވަރަށް އަަވަހަށް ކަނޑައަޅަންޖެހޭ." މިނިސްޓްރީން ބުންޏެވެ.
ޔަމަންގައި އޮންނަ، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ސަރުކާރުން ވަނީ މިއީ އީރާންގެ މަދަދު ލިބޭ ހޫތީންގެ ހަމަލާއެއް ކަމަށް ބުނެފައެވެ.
މިދިޔަ މަހު 20 ވަނަ ދުވަހު ހޫޘީން ވަނީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓުކުރާ ސައުދީ އަރަބިއާގެ ކަނޑުމަގުތައް ބަންދުކޮށްފައިވާކަން އިއުލާނުކޮށްފައެވެ. އޭގެ ފަހުން ތެޔޮ ޓޭންކަރުތަކާއި ކާގޯ ބޯޓުތަކަށް ދިން އެތައް ހަމަލާއެއްގެ ޒިންމާ ހޫޘީން އުފުލާފައިވެއެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އެޖެންސީން ވަނީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ ބޯޓުތަކަށް އެތައް ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ފަހު އެ ސަރަހައްދުގެ ގިނަ ބޯޓު ދަތުރުފަތުރުގެ މަގުތަކަށް ވަނީ ބުރޫއަރާފައެވެ.
އޭގެ ފަހުން އީރާނުން ވަނީ ދުނިޔޭގެ އެންމެ ބިޒީ އެއް ތެޔޮ ޝިޕިން ޗެނަލް ކަމަށްވާ ހުރްމުޒް ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން ދުނިޔޭގެ ތެލުގެ އަގަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ.