އިންޑިއާގައި ވިހަ ބަނގުރާ ބޮއިގެން 11 މީހަކު މަރުވެ، 180 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އިންޑިއާގެ މަނިޕޫރުގައި ގަވާއިދާ ޚިލާފަށް އުފައްދާފައިވާ ވިހަ ބަނގުރާ ބުއިމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހަކަށް، މަނިޕޫރުގެ ޗީފް މިނިސްޓަރު ޔުމްނާމް ޚެމްޗަންދު ސިންގް ޒިޔާރަތްކުރައްވަނީ -- ފޮޓޯ: އޭއެފްޕީ

އިންޑިއާގައި ވިހަ ބަނގުރާ ބުއިމުގެ ސަބަބުން 11 މީހަކު މަރުވެ، އިތުރު 180 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގަވާއިދާ ޚިލާފަށް އަދި ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް އުފައްދާފައިވާ ބަނގުރާ ބޭނުންކުރުމުގެ ސަބަބުންނެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދާ 180 މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ފުލުހުން ވަނީ ވިހަ ބަނގުރާ އުފައްދައި ވިއްކި ފަރާތްތައް ހޯދުމަށް ޚާއްސަ ތަހުގީގެއް ފަށާފައެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް، އަގުހެޔޮކޮށް އުފައްދާ ބަނގުރާ ބުއިމުގެ ސަބަބުން މީހުން މަރުވުމުގެ ހާދިސާތައް މީގެ ކުރިން ވެސް ތަކުރާރުކޮށް ހިނގާފައިވެއެވެ. މިފަދަ ބަނގުރަލުގެ ބާރުގަދަކުރުމަށްޓަކައި އިންޑަސްޓްރިއަލް ކެމިކަލްތައް ކަމަށްވާ މެތަނޯލް ފަދަ ނުރައްކާތެރި ވިހަ މާއްދާތައް އެއްކުރާކަން ފާހަގަކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް