ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ފޮރެކްސް އިންވެސްޓްމަންޓް ސްކީމުން ލިބޭ ފައިދާ ޑޮލަރުން ޖަމާކޮށްދޭ ގޮތަށް އެ ބޭންކުން މިއަދު ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން މިއަދު އާންމުކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، ފޮރެކްސް އިންވެސްޓްމަންޓުގެ ހިދުމަތް މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިތުރަށް ފުރިހަމަކޮށްފައެވެ. މި ބަދަލާއެކު، މި ސްކީމުގައި އިންވެސްޓްކުރާ ފަރާތްތަކަށް ލިބޭ ނަފާ ސީދާ ޑޮލަރުން އެކައުންޓަށް ޖަމާވަމުން ދާނެއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ މަންފާ އިތުރުވެގެންދާނެއެވެ.
މި ސްކީމަކީ ބޭންކަށް ޑޮލަރު ލިބޭނެ އިތުރު މަގުތައް ތަނަވަސްކުރުމަށާއި، ކަސްޓަމަރުންނަށް ފައިދާހުރި އިންވެސްޓްމަންޓް ފުރުސަތުތަކެއް ހޯދައިދިނުމަށް ފެށި ސްކީމެކެވެ.
މި ސްކީމަށް ގެނެވުނު އާ ބަދަލުގެ ދަށުން، އިންވެސްޓްމަންޓުން ލިބޭ ނަފާގެ އިތުރުން، އިންވެސްޓްކުރި އަދަދު ވެސް ޖަމާވާނީ ޑޮލަރުންނެވެ. ނަމަވެސް، ބީއެމްއެލްއިން ހާމަކުރި ގޮތުގައި އިންވެސްޓްމަންޓުގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖް ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެއެވެ.
ބީއެމްއެލްއިން މި ފޮރެކްސް އިންވެސްޓްމަންޓް ސްކީމް އެންމެ ފުރަތަމަ ތައާރަފުކުރީ 30 ޖޫންގައެވެ. އެ ފަހަރު ސްކީމް ތައާރަފުކުރިއިރު ހަމަޖެހިފައި އޮތީ، ބޭންކުގައި ޑޮލަރު އިންވެސްޓްކުރުމުން 25 ޕަސެންޓާ ހަމައަށް ރުފިޔާއިން ފައިދާ ލިބޭ ގޮތަށެވެ.
އެގޮތުން، ޑޮލަރު އިންވެސްޓް ކުރުމުން، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވެއެވެ. އަދި އިންވެސްޓްމަންޓުގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
މި ހިދުމަތް ބޭންކުގެ މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކޮންމެ ދުވަހަކު ވެސް އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމަންޓް ޕޫލްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ބޭންކުން އޭރު ބުނެފައިވެއެވެ.