މި އަހަރުގެ ފުރަތަމަ ހަ މަހު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 60 ޑްރައިވަރުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް 21،354 އުޅަނދެއް ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން 10,878 އުޅަނދެއް ޖޫރިމަނާކޮށް، އުޅަނދު ފަހަރު ދުއްވި 8،740 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށް އެ ތަފާސްހިސާބުތަކުގައި ވެއެވެ.
ފުލުހުން ބުނީ ޖޫން މަހުގެ ނިޔަލަށް ދުވާލަކު އެވަރެޖުކޮށް 118 އުޅަނދު ފާސްކޮށް 60 ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ ހަ މަހުގެ ތެރޭ ބަލައި ފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ޖޫރިމަނާކޮށް، އުޅަނދު ދުއްވާ 41 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަގުމަތީ ޕާކިން ޒޯނެއްގައި ކާރު ނުޖެހޭ ގޮތަށް ސައިކަލު ޕާކްކޮށްފައި --- ފޮޓޯ: ފުލުހުންމީގެ އިތުރުން އުޅަނދުފަހަރު ޓޯ ކުރުމުގެ ބަދަލުގައި ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ މުއްދަތުގެ ތެރޭ އުޅަނދުފަހަރުގެ ވެރިފަރާތްތަކަށް ޖުމުލަ 23،608 ފަހަރު ގުޅައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ގަވައިދާ ޚިލާފަށް ޕާކުކޮށްގެން 3،417 އުޅަނދަކާއި ނުރައްކާތެރިކޮށް ދުއްވައިގެން 77 އުޅަނދަކާއި ލައިސަންސްނެތި ދުއްވައިގެން 1،052 އުޅަނދަކާއި އަސްލަށް ބަދަލު ގެނެސްގެން 32 އުޅަނދެއް ޓޯ ކޮށްފައިވެއެވެ. އަދި އެހެން ޒޯނެއްގައި ދުއްވައިގެން 71 އުޅަނދަކާއި އެހެނިހެން މައްސަލަތަކާ ގުޅިގެން 32 އުޅަނދެއް ޓޯ ކޮށްފައިވެއެވެ.
ގަވައިދާ ޚިލާފަށް ޕާކުކޮށްގެން ޓޯ ކުރި ޖުމުލަ 3،417 އުޅަނދުފަހަރުގެ ތެރޭ ގިނައިން ހިމެނެނީ ސައިކަލެވެ. އެގޮތުން 3،336 ސައިކަލަކާއި ހަތަރު ފުރޮޅުލީ 81 އުޅަނދެއް އޭގެ ތެރޭ ހިމެނޭ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުގައިވެއެވެ.
ހަމަ އެހެންމެ ރަސްމީ އެކި މުނާސަބަތުތަކާ ގުޅިގެން ނޯޓިސް ދިނުމަށްފަހު 1,080 އުޅަނދެއް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބްރިޖު މަތީގައި ސައިކަލު މަތީ ބަނޑު އަޅައިގެން ބާރު ދުވެލީގައި ދުއްވަނީ --- ފޮޓޯ: ސްކްރީންޝޮޓްމަގުމަތީގެ ގަވައިދުތައް ތަންފީޒުކޮށް އަމާންކަން ކަށަވަރުކުރުމަށްޓަކައި މި މަސް ދެބައިވިއިރު 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ސްކޫލު ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ޖުމްލަ 10,263 ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުުން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އުޅަނދުފަހަރު އެންމެ ގިނައިން ޖޫރިމަނާކުރީ އުޅަނދުގެ އަހަރީ ފީގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައެވެ. އެގޮތުން އަހަރީ ފީގެ މައްސަލަތަކުގައި 2,249 ޖޫރިމަނާއެއް ކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުގައި ވެއެވެ.
ފުލުހުން ބުނީ، އޭގެ އިތުރުން ވެސް އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި ލައިސަންސް ނެތި ދުއްވުމާއި ޓްރެފިކް ނިޝާންތަކާ ޚިލާފުވެގެން ވެސް މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ނަންބަރު ޕްލޭޓުގެ މައްސަލަތަކާއި އުޅަނދުފަހަރު ދުއްވަމުން ފޯނު ބޭނުންކުރުމާއި ޓެކްސީކުރުމުގެ ގަވާއިދުތަކާ ޚިލާފުވެގެން ވެސް މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.