ތަކެތީގެ އަގު އުފުލެމުންދާތީ އެމްޑީޕީން މުޒާހަރާއަށް

13 މެއި 2026: ނޫސްވެރިންނަށް ކުރިމަތިކުރުވާ ދަތިތަކާ ދެކޮޅަށް އަޑުއުފުލުމަށް ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުންނާ ކުރިމަތިލުމެއް ހިނގަނީ -- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

"ދަތިވެއްޖެ" ނަމުގައި މުޒާހަރާއެއް ބާއްވަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނިންމައިފިއެވެ.

އެ ޕާޓީން ބުނި ގޮތުގައި މި މުޒާހަރާ ބާއްވަނީ ރާއްޖޭގައި އަސާސީ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި މުޒާހަރާ އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރު 16:30 ގައި ސޯޝަލް ސެންޓަރު ކައިރީގައެވެ. މި މުޒާހަރާ އިއުލާންކުރައްވަމުން، ބާޒާރުގައި މިހާރު ތަކެތީގެ އަގުތައް ހުރި މިންވަރު އަންގައިދޭ ލިސްޓެއް ނަޝީދު ވަނީ އާންމުކުރައްވާފައެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭން ޑޮލަރު ހުސްވެ، ރައްޔިތުންނަށް ތަހައްމަލުކުރަން ދަތިވާ މިންވަރަށް އަސާސީ ތަކެތީގެ އަގު އުފުލިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހެން ދިމާވީ މި ސަރުކާރަށް ހިލޭ އެހީއާއި ދަރަނީގެ ގޮތުގައި ވެސް ޑޮލަރު ނުގެނެވުމުންނެވެ.

ދަރަނި ދައްކައި ޚަލާސްކުރުމުގައި ސަރުކާރަށް އެއްވެސް ހަމައެއް ނުހޯދުނު ކަމަށާއި، ރިޒާވްގައި ހުރި ޑޮލަރުތައް ހުސްކޮށް، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ދަރަނި އަނބުރާ ދައްކަން ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށް ނަޝީދު ތުހުމަތުކުރެއްވިއެވެ.

"ދެން ރާއްޖޭގައި ހުންނާނީ ކޮން އެއްޗެއްތޯ؟ ރާއްޖެއަކު ނެތް ޑޮލަރެއް،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މައި ވިޔަފާރި ބަނދަރަށް ގެންނަ މުދާ ނުބޭލިގެން ކޮންޓެއިނަރުތައް ސިނގަޕޫރަށާއި ސްރީލަންކާގެ ކޮލަމްބޯއަށް ގެންދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ މުދާތައް އެނބުރި ރާއްޖެ އަންނައިރު ޑެމޮރޭޖަށް އަރާ މިންވަރާއި ފްރައިޓް ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގުތައް އިތުރަށް އުފުލެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަކެތީގެ އަގު އުފުލިގެން ދާއިރު ވަކިވަކި ފަރުދުންގެ އާމްދަނީއަށް ބަދަލު ނާންނާތީ ކަންބޮޑުވުން ފާޅުކުރައްވައި، ރާއްޖޭގެ މިސްރާބު މި ވަގުތު ހުރީ އަނދިރި ދަތުރަކަށް ކަމަށް ނަޝީދު ސިފަކުރެއްވިއެވެ. އަދި މި ދަތުރުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އެއްވެސް ސިޔާސަތެއް އަދި ތަސައްވުރެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން މި މަހުގެ ނުވަވަނަ ދުވަހު ނެރުނު ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި، މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގައެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 6.3 އިންސައްތައާ އަޅައިބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. އޭޑީބީން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު ނުވަތަ ތަކެއްޗާއި ޚިދުމަތުގެ އަގުތައް 5.0 އިންސައްތައަށް އުފުލޭނެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގު އުފުލޭތީ، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމުތަކަށް އޭގެ އަސަރު ބޮޑުވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް