އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވަން މިރޭ ފާސްކޮށްފިއެވެ.
މި ތާރީޚުގައި ކޮންގްރެސް ބާއްވަން ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެއީ މިރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ސެޕްޓެމްބަރު 19 ވާ ހޮނިހިރު ދުވަހު ކޮންގްރެސް ބާއްވަން ފާސްވީ ގައުމީ މަޖިލީހުގެ 52 މެންބަރުންގެ ވޯޓުންނެވެ. އެ ޖަލްސާއަށް ޖުމްލަ 63 މެމްބަރުން ވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ބަދަލުތަކެއް ގެންނަން ވަނީ މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި އިންތިޚާބަކާ ނުލާ ގައިމީ މަޖިލީހަށް އެއްވެސް މެންބަރަކު އައްޔަނު ނުކުރެވޭ ގޮތަށް އިސްލާހެއް ގެނައުން ހިމެނެއެވެ.
އެއަށްފަހު، ގައުމީ މަޖިލީހުގެ ދައުރު ހަމަވާއިރަށް، ލަސްކުރުމެއް ނެތި އެ އިންތިޚާބު ވެސް ބާއްވާނެ ކަމަށް މިރޭގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު ކޮންގްރެސްގެ ކަންކަން ކުރިއަށް ގެންދާނެ ކޮމެޓީއެއް އެކުލަވާލަން ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވިއެވެ. ނަމަވެސް އެފަދަ ކޮމެޓީއެއް ހެދުމަށް އަސާސީ ގަވާއިދުގައި ނެތް ކަމަށް ރިޔާސަތުން ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންގްރެސް ބާއްވަން އުޅުމަށްފަހު ފަހުން ވަނީ އެހެން ތާރީޚަކަށް ފަސްކޮށްފައެވެ.
މި ކޮންގްރެސްއަކީ ޕާޓީގެ މުސްތަގުބަލާ ގުޅޭ މުހިންމު ނިންމުންތައް ނިންމާ ބައްދަލުވުމެކެވެ. މީގެ ތެރޭގައި ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ނިންމުންތައް ވެސް ހިމެނެއެވެ.
އެމްޑީޕީ އިން ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނައިރު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ، ޕާޓީ ކޮންގްރެސް ވެސް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.