މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި މިދިޔަ މަހުގެ ކުރީކޮޅު ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ ނުވަނަ ދުވަހުގެ ރޭ 21:10 ހާއިރެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން މާލޭގެ އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ، އެކްސިޑެންޓު ހިނގި ރޭ 21:16 ހާއިރުއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ވަނީ ހާދިސާއަށް ފަހު މަޑުނުކޮށް ފިލާފައެވެ. ފުލުހުން ބުނީ އެ އުޅަނދު ހޯދުމުގެ މަސައްކަތާއި ތަހުގީގު އަދިވެސް މެރިން ޕޮލިހުންނާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.
މި ނުރައްކާތެރި ހާދިސާގައި ލޯންޗުގައި ތިބި ޖުމުލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެއެވެ. މީގެ އިތުރުން އެކްސިޑެންޓުވި ލޯންޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފުލުހުން ބުނި ގޮތުގައި ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، އެތެރޭގެ ސީޓުތަކަށް ވެސް ވަނީ ގެއްލުންވެފައެވެ.
ކަނޑުމަތީގެ މިފަދަ ހާދިސާތައް ފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން އޮގަސްޓު މަހުގެ ދެވަނަ ދުވަހު ވެސް ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވެއެވެ.
އެ ހާދިސާގައި ވެސް ދޯނި މަޑުނުކޮށް ވަނީ ފިލާފައިއެވެ. ނަމަވެސް ފަހުން އެ އުޅަނދު ހޯދައި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.