އަމީނީ މަގުގެ އަލުން ހަދާ ބައި މިރޭ ބަންދުކުރަނީ

އަމީނީ މަގުގައި އެންމެ ފަހުން ތާރު އެޅި ސެގުމަންޓު: އަމީނީ މަގު ފުޑްކޯޓް ސަރަހައްދުގައި އަލުން ތާރު އަޅަން ފެށުމަށް އެ ސަރަހައްދު މިރޭ ބަންދުކުރަން ވަނީ ނިމްމާފަ --- ސަން ފޮޓޯ/ އަފުވާން ސޮލާހު

މާލޭގެ އަމީނީމަގުގެ ހުޅަނގަށްވީ ބައި މަރާމާތު ކުރާތީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ފުލުހުން ނިންމައިފިއެވެ.

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހި ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.

ފުލުހުން މިއަދު އާންމުކުރި އެންގުމެއްގައިވާ ގޮތުން މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ޚާއްސަ ޓްރެފިކް މެނޭޖްމަންޓް ޕްލޭނެއް ވަނީ އެކުލަވާލާފައެވެ.

މި ޕްލޭނާ އެއްގޮތަށް ޓްރެފިކް ފްލޯ ބަދަލުކުރެވޭނީ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމެންދެންކަމަށް ފުލުހުންގެ އެންގުމުގައިވެއެވެ.

https://sun.mv/225099

މީގެ އިތުރުން ފުލުހުން ވަނީ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، ޓްރެފިކް ބަދަލުތަކަށް އަމަލުކުރަން ފެށުމުގެ ކުރިން ނެގުމަށް އަންގާފައެވެ.

އެ ސަރަހައްދުގައި އުޅަނދުތައް ބެހެއްޓުމަކީ މަގު ހެދުމުގެ މަސައްކަތަށާއި ޓްރެފިކް ދައުރުވުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ. އެހެންކަމުން، މަގު ބޭނުންކުރާ ފަރާތްތަކުން ވަގުތީ ގޮތުން ޖަހާފައިވާ ޓްރެފިކް ނިޝާންތަކަށާއި ފުލުހުންގެ އިރުޝާދުތަކަށް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދަތުރުތައް ރޭވުމުގައި ލަސްތަކެއް ދިމާވެދާނެތީ، ވީހާވެސް ބޮޑަށް ބަދަލު މަގުތައް ބޭނުންކުރުމަށް ވެސް ފުލުހުން ވަނީ ލަފާދީފައެވެ.

ފުލުހުން އާންމުކުރި ޓްރެފިކް ފްލޯ ޗާޓް....ފޮޓޯ/ ފުލުހުން

އަމީނީ މަގުގެ ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރުގަނޑު ވަނީ ދުއްވަން ނުރައްކާވާ މިންވަރަށް ހަލާކުވެފައެވެ. އެ ސަރަހައްދުގައި "މުލިހި" ތަކެއްހެން ތާރުގަނޑު އުފުލިފައިވުމުގެ ސަބަބުން، އެ މަގުން ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް