އީރާނުގެ މިސައިލެއް ވައްޓާލުމާ ގުޅިގެން ގަލްފުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައިފި

އިއްތިހާދު އެއާވޭސްގެެ ފްލައިޓެއް ---

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމުގެ ތެރެއިން، އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި ކަމަށް އެމެރިކާއިން ބުނެފިއެވެ.

މި ހަމަލާއާ ގުޅިގެން ގަލްފު ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް މިއަދު އަނެއްކާ ވެސް ބުރޫއަރާފައިވާއިރު، ސަލާމަތީ ސަބަބުތަކަށްޓަކައި ސަރަހައްދީ އެއާލައިންތަކުން ވަނީ ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައެވެ.

ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުބާއީ އަދި އަބޫދާބީގެ މައި އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް އާންމު ގޮތެއްގައި ކުރިއަށްދިޔަ ނަމަވެސް، އިއްތިހާދު އެއާވޭސްއިން ވަނީ އަބޫދާބީއާއި ކުވައިތާ ދެމެދު ކުރާ ދަތުރުތައް ކެންސަލްކޮށްފައެވެ. މީގެ އިތުރުން ފްލައިދުބާއީން ސައުދީ އަރަބިއްޔާގެ އަބްހާއަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާއިރު، އެއާ އަރަބިއާއިން ވަނީ ޝާރްޖާއިން ކުވައިތު، ބަހްރޭން އަދި އަބްހާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.

ގަތަރު އެއާވޭސްއިން ވެސް ވަނީ ހުކުރު ދުވަހުގެ ނިޔަލަށް ބަހްރޭން، އުރުބީލް އަދި ކުވައިތަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ. ސައުދީ އަރަބިއްޔާގެ ފްލައިއަޑީލްއިން ދުބާއީއިން ރިޔާޒަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާއިރު، ސައުދިއާއިން ވަނީ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ އެއާލައިންގެ ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުގެނެސްފައެވެ.

މި ހާލަތާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) އިން ވަނީ އޮގަސްޓު 31 ގެ ނިޔަލަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހްރޭން، ގަތަރު އަދި ކުވައިތުގެ ވައިގެ ސަރަހައްދު ބޭނުންނުކުރުމަށް އެއާލައިންތަކަށް އަންގައި، ނެރެފައިވާ ސަލާމަތީ އެޑްވައިޒަރީގެ މުއްދަތު އިތުރުކޮށްފައެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގައިފައެވެ.

comment ކޮމެންޓް