"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް"އަށް އީރާނުން މަރުހަބާ ކިޔައިފި

ތެހެރާން (11 އޮގަސްޓް 2026) : އިސްލާމީ ތިން ގައުމު ކަމަށްވާ ސައޫދީ، ޕާކިސްތާން އަދި ތުރުކީން ސޮއިކުރި ދިފާއީ އެއްބަސްވުމަކީ ގަލްފާއި މެދުއިރުމަތީގައި ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަށް ޓަކައި ބޭރުގެ ބާރުތަކަށް ބަރޯސާވުމަށް މިހާތަނަށް އެ ގައުމުތަކުން ގެންގުޅުނު ވިސްނުން ބަދަލުވަމުންދާކަމުގެ ހެއްކެއް ކަމަށް އީރާނުން ސިފަކޮށްފިއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސްގެ ތަރުޖަމާން އިބްރާހީމް ރިޟާއީ ވިދާޅުވީ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ގައުމުގެ ބިމާއި ވަސީލަތްތައްދީގެން ސަލާމަތީ ކަންކަމުގައި އެ ބާރުތަކަށް ބަރޯސާވުމަށް ޒަމާނުއްސުރެ ގެންގުޅުނު ވިސްނުން ބަދަލުވަމުންދާތަން ފެނުމަކީ އީރާން މަރުހަބާ ކިޔާނެކަމެކެވެ.

"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" އާމެދު އީރާނުން ދެކެނީ އެއީ ބޭރުގެ ބާރުތަކަށް ބަރޯސާވެގެން ސަލާމަތާއި ރައްކާތެރިކަން ހިމާޔަތް ނުކުރެވޭނެކަން ސަރަހައްދުގެ ގައުމުތަކަށް ޔަގީންވެ އެމެރިކާއަށް އޮތް އިތުބާރު ވަރަށް ބޮޑަށް ކުޑަވުމުގެ ނަތީޖާ އެއްގެ ގޮތުން އުފަންވި އެއްބަސްވުމެއް ކަމުގައެވެ.

"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގައި ހިމެނޭ ޕާކިސްތާނަކީ އީރާންއާ ވަރަށް ގާތް ގުޅުންތަކެއް އޮންނަ ގައުމެކެވެ. އެމެރިކާއާއި އީރާން އާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރާ މައިގަނޑު ގައުމަކީވެސް ޕާކިސްތާނެވެ. އެމެރިކާގެ އުދުވާނުގެ ދުވަސްވަރު ޕާކިސްތާނުގެ އެންމެ އިސް ތިން މަސްއޫލުވެރިން އެއްފަހަރަށްވުރެ ގިނަފަހަރު އީރާނަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އީރާނުގެ އިސް މަސްއޫލުވެރިންވެސް އެތަށް ފަހަރަކު ޕާކިސްތާނަށް ޒިޔާރަތް ކުރެއްވިއެވެ.

އިއްޔެ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ދާރު ވަނީ އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އިރަގްޖީ އަށް ފޯނުން ގުޅުއްވައި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގައި ހިމެނޭ ބައިތަކުގެ ތަފްސީލު ދެއްވާފައެވެ.

މިއެއްބަސްވުމުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ މިތިން ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ދޭ ހަމަލާއަކީވެސް އެ ތިން ގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލުމެވެ.

އަނެއްކަމަކީ ސައޫދީގެ މާލީ ބާރުވެރިކަމާއި ތުރުކީގެ ކުރިއަރާފައިވާ އަސްކަރީ ސިނާއަތް އަދި ޕާކިސްތާނުގެ އަސްކަރީ ތަޖުރިބާއާއި ނިއުކްލިއާ ބާރުވެރިކަން ގުޅުވައިގެން މިތިން ގައުމުގެ މެދުގައި ކޮންޕްރެހެންސިވް ދިފާއީ އައްޑަނައެއް ގާއިމް ކުރުމެވެ.

ސައޫދީން މާލީގޮތުން ޚަރަދުކޮށް އިންވެސްޓް ކޮށްދީފިނަމަ ޕާކިސްތާނާއި ތުރުކީއަކީ ދުނިޔޭގެ ފެންވަރުގެ ހަތިޔާރުގެ ވަރުގަދަ ސިނާއަތެއް ގާއިމް ކުރެވޭވަރުގެ ސައެންސާއި އިންޖިނިއަރިންގް ގާބިލްކަން ލިބިފައިވާ ދެގައުމެވެ.

މިއީ ނުސީދާ ގޮތެއްގައި އީރާނަށް އަމާޒުކޮށްގެން އެކުލަވާލި ދިފާއީ އެއްބަސްވުމެއްކަމަށް ބައެއް ރިޕޯޓްތަކުގައި ސިފަކުރި ނަމަވެސް އީރާނުން އެގޮތަށް ދެކޭކަން ހާމަކޮށްފައެއް ނުވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޖީ ވަނީ މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވިގޮތުގައި އީރާން އަބަދުވެސް ދައްކާވާހަކައަކީ ގަލްފާއި އެސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަކީ ބޭރުގެ ބާރުތަކަށް ބަރޯސާވެގެން ހޯދަންޖެހޭ އެއްޗެއް ނޫންކަމާއި އެއީ ސަރަހައްދުގެ ގައުމުތައް ގުޅިގެން ޖަމާއީ ގޮތެއްގައި ކުރަންޖެހޭ ކަމެއްކަމުގައެވެ.

"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ވުޖޫދަށް އައުމަކީ އިރާން ދައްކާ މިވާހަކަތައް ސަރަހައްދުގެ ގައުމުތަކަށް ވިސްނެން ފަށައިފި ކަމުގެ ހެއްކެތްކަމަށް އިރަގްޖީ ސިފަކުރެއްވިއެވެ.

އިރަގްޖީ ވިދާޅުވިގޮތުގައި އީރާން އަބަދުވެސް ގޮވާލަނީ ސަރަހައްދުގެ ދިފާއާއި އަމަނާބެހޭކަންކަމުގެ ތެރެއަށް އެމެރިކާ ފަދަ ބޭރުގެ އިސްތިއުމާރީ ބާރުތައް ނުވައްދައި ސަރަހައްދުގެ ގައުމުތައް ގުޅިގެން ދިފާއު ގާއިމް ކުރުމަށެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި މި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" އަކީ އީރާންއާއި އަދި އިސްރާއީލާ ދެކޮޅަށްވެސް އަދި އެނޫންގައުމަކާ ދެކޮޅަށްވެސް ގާއިމްކުރި އެއްބަސްވުމެއް ނޫނެވެ. މިއެއްބަސްވުމުގެ ބޭނުމަކީ މިތިން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން މިތިން ގައުމު ގުޅިގެން އަމިއްލައަށް ބެލެހެއްޓުމެވެ.

comment ކޮމެންޓް