ސަޢޫދީގެ އެއާޕޯޓުތަކަށް ދިން ޙަމަލާތަކުގައި ދިވެއްސަކަށް އަސަރެއް ނުކުރޭ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ ހުންނަ އިމާރާތް -- ފޮޓޯ/ ޗައިނާ އެމްބަސީ

ސަޢޫދީ ޢަރަބިއްޔާގެ ބައިނަލްއަގްވާމީ ދެ އެއާޕޯޓަކަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން އެ ގައުމުގައި ތިބި އެއްވެސް ދިވެހި ރައްޔިތަކަށް މިހާތަނަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ޚަރިޖީ ވުޒާރާއިން ބުނެފިއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަޢޫދީގެ ދެ އެއާޕޯޓަށް ދިން ޙަމަލާތަކާ ގުޅިގެން ހިނގަމުންދާ ކަންކަން އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ޙަމަލާތަކުގެ ސަބަބުން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަން އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ސަޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހިން މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ޚާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

https://sun.mv/228910

ސައުދީ ރިޔާޟްގެ ވައިގެ ބަނދަރަށް އަމާޒުކޮށް ދިން ހަމަލާގައި ބަޔަކު މަރުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވާތީ ދިވެހި ސަރުކާރުން ވަނީ އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ޢާންމު ރައްޔިތުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށާއި، މިއީ ސަޢޫދީގެ އިތުރުން މުޅި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ.

https://sun.mv/228886

މީގެއިތުރުން، ސަޢޫދީގެ ސިޔާދަތާއި ގައުމުގެ ސަލާމަތާއި، އެ ގައުމުގެ ރައްޔިތުންނާއި އެތަނުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ދިވެހިން ޢުމްރާގެ އަޅުކަމަށާއި، ތަޢުލީމު ހާސިލުކުރުމަށް އަދި ވަޒީފާތަކުގައި ގިނަ ޢަދަދަކަށް ދިރިއުޅެމުން އަންނަ ގައުމެކެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޚާރިޖީ ވުޒާރާއިން ކުރަމުން އަންނަކަމަށް އެ ވުޒާރާއިން ބުންޏެވެ.

https://sun.mv/228901

ރިޕޯޓުތައް ބުނާގޮތުން ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް، ހޫތީން ވަނީ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް މިސާއިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން އެ ސަރަހައްދުގެ އެހެނިހެން މުހިންމު އޭވިއޭޝަން މަރުކަޒުތަކަށްވެސް މި ހަމަލާތަކުގެ ނުރައްކާ ކުރިމަތިވެފައިވެއެވެ.

ހޫތީން މިހަމަލާތައް ދިނީ ސައުދީ އަސްކަރީ ކޯލީޝަނުން ހިންގާ އޮޕަރޭޝަންތަކާއި ދިން އިންޒާރުތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތަކުގެ ސަބަބުން އެއާޕޯޓުގެ ފަސިންޖަ ޓާމިނަލަށާއި ބައެއް ބިންތަކަށް ބޮޑެތި އުމްރާނީ ގެއްލުންތަކެއް ލިބި، އާންމުންގެ ބަޔަކު މަރުވެ އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އަދި އެއާޕޯޓުގެ އާންމު ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައި، ފްލައިޓްތައް އެހެން ސަރަހައްދުތަކަށް ޑައިވަރޓްކުރުމާ ގުޅިގެން މުޅި ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އާންމު ވައިގެ ބަނދަރަކަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމަޢުން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައިއެވެ.

comment ކޮމެންޓް