މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ހާރިސް މުޙައްމަދު މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ވަނީ އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ހާރިސް އައްޔަންކޮށްފައިވާކަން ހާމަކޮށްފައެވެ.
އެމްޓީޑީސީގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަޙުމަދު ނިޔާޒު މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކުރުމުންނެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ޙާރިސްއަކީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ.
އޭނާ ވަނީ މީގެ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރުކަން ކުރައްވައިފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު ހާރިސް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި އޭނާއަކީ ޗާޓާޑް އިންސްޓިޓިއުޓް އޮފް މާކެޓިން އަދި ޗާޓާޑް މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ފަރާތެކެވެ.
އެމްޓީޑީސީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުފައްދަވާފައިވާ ކުންފުންޏެކެވެ. ނަމަވެސް އެއީ މާ ބޮޑު ފައިދާއެއް ނެރެވޭ, އަދި މާ ގިނަ ޕްރޮޖެކްޓްތަކެއް ހިންގާ ކުންފުންޏެއް ނޫނެވެ.
ދާދި ފަހުންވެސް ޕީސީބީން ސަރުކާރުން ކުންފުނިތަކެއްގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފައިވެއެވެ.
ސަރުކާރު ކުންފުނިތަކަށް އެ ބަދަލު ގެންނަމުންދާއިރު، މިދިޔަ އޭޕްރިލް މަހު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް އަންގައިފައެވެ. އަދި އެ މަސައްކަތް ތިން މަސް ތެރޭ ނިންމަށް މި މަހު ޕީސީބީން ވަނީ އަންގާފައެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ، ދަރަނި ބޮޑުވެފައިވާ ރާއްޖޭގައި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.