ނުއަގުގައި އެއްވެސް ރަށެއް ވިއްކާލާކަށް ނޫޅެން: އެމްޓީޑީސީ

އަޔާދާ މޯލްޑިވްސް ހިންގަމުން އަންނަ ގދ. މަގުއްދުވާ -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ގދ. މަގުއްދުވާގެ ހެޑް ލީސް ނުއަގުގައި ވިއްކައިލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) މިއަދު ބުނެފިއެވެ.

އެމްޓީޑީސީން ނެރުނު އިއުލާނުގައި ބުނީ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅި، މި ތިން ރަށަކީ ދިވެހި ސަރުކާރާ އެމްޓީޑީސީއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމަށް އެ ކޯޕަރޭޝަނުން ކުއްޔަށް ހިފާފައިވާ ތިން ރަށް ކަމަށެވެ. އަދި މި ތިން ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހާ ހައްގުތަކުގެ މިލްކުވެރި ފަރާތަކީ ވެސް އެމްޓީޑީސީ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ނަމަވެސް އެ ކޯޕަރޭޝަންގެ ދަށުގައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ނުވަތަ ހެޑްލީސްއާ ގުޅުން ހުރި ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް އަދި އެހެން ފަރާތަކަށް ދޫކޮށްލަން ނިންމާފައި ނުވާ ކަމަށް އެމްޓީޑީސީން ބުންޏެވެ. އަދި މި ނޫން އެފަދަ އެހެން މުއާމަލާތެއް މެދުވެރިކޮށް އެ ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްގު ނުވަތަ މަސްލަހަތު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ގެއްލޭ ފަދަ ނުވަތަ ހަނިވާ ފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އަދި އެފަދަ މަޝްވަރާއެއް ވެސް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުދާ ކަމުގެ ޔަގީންކަން އެމްޓީޑީސީން ބުންޏެވެ.

އެއާ ޚިލާފަށް އެމްޓީޑީސީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭ ކަމަށް ބަޔާންކޮށް މީޑިއާގައި ދައުރުވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

https://sun.mv/225350

އެމްޓީޑީސީން ބުނީ ކުރިމަގުގައި ވެސް ކަމާ ގުޅުން ހުރި ގާނޫނުތަކާއި ލިސްޓިން ރޫލްސްގައި ބަޔާންކުރާ ފަދައިން ހާމަކުރަންޖެހޭ އެންމެހާ މުއާމަލާތްތައް އެ ކުންފުނިން ރަސްމީކޮށް އަންގާނެ ކަމަށެވެ. އަދި އެ ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކާއި ހިއްގާ މުއާމަލާތްތަކާ ގުޅޭ ގޮތުން އެ ކުންފުނިން ރަސްމީކޮށް ހާމަކުރާ ކަންކަމަށް ބަރޯސާވުމަށް ވަނީ އެދިފައެވެ.

މި ފަހުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ މި މައްސަލައިގެ ހަގީގަތް ސާފުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވައިފައެވެ.

މިކަމާ ގުޅިގެން އެމްޓީޑީސީގެ ހިއްސާދާރުންނާއި އާންމުން ވެސް މި ފަހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް