އަޔާޑާ މައްސަލައިގައި ބޯޑުގެ ނިންމުމަށް އަމަލުނުކުރާ ކަމަށް ވިދާޅުވެ، އެމްޓީޑީސީގެ ބޯޑުން އަސާމީ އިސްތިއުފާދެއްވައިފި

އެމްޓީޑީސީގެ ބޯޑުން އިސްތިއުފާދެއްވި އަސާމީ --- ފޮޓޯ/ އެމްޓީޑީސީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ދަށުން ގދ. މަގުދުއްވާގައި ހިންގާ އަޔާޑާ ރިސޯޓް މައްސަލައިގައި ބޯޑުގެ ނިންމުމަށް ކުންފުނިން އަމަލުކުރަމުން ނުދާ ކަމަށް ވިދާޅުވެ، އެމްޓީޑީސީގެ ބޯޑުން މިދިޔަ ބުރާސްފަތި ދުވަހު ބޯޑު މެންބަރު އަސާމީ ރުޝްދީ އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާދެއްވައި، އަސާމީ އެމްޓީޑީސީގެ ބޯޑަށް ފޮނުއްވި ސިޓީގައި ވަނީ، ބޯޑުން އިސްތިއުފާދޭން ޖެހުނީ ބޯޑު މެންބަރުންގެ މަސްލަހަތާ ދެކޮޅަށް ބައެއް ނިންމުންތައް ކުންފުނީގެ މެނޭޖުމަންޓުން ނިންމަމުންދާތީ ކަމަށެވެ.

އެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ، އަޔާޑާ ރިސޯޓް މައްސަަލައިގައި ބޯޑުގެ ނިންމުމާ އެއްގޮތަށް މެނޭޖުމަންޓުން އަމަލުނުކުރާ ކަމެވެ. އެ ނިންމުމާ އެއްގޮތަށް މެނޭޖުމަންޓުން އަމަލުނުކުރާތީ ތަކުރާރުކޮށް، މައްސަލަ ހުށަހެޅި ނަމަވެސް ޖަވާބެއް ދީފައިނުވާކަން އަސާމީގެ ސިޓީގައިވެއެވެ.

އަސާމީގެ ސިޓީގައި އަޔާޑާ މައްސަލައަށް އިޝާރާތްކުރެއްވިއިރު، މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކައިލަން އުޅޭ ކަމަށް ބުނެ، އަޑު ފެތުރިފައިވެއެވެ. ނަމަވެސް އެމްޓީޑީސީން ވަނީ އެ ކަން ދޮގުކޮށްފައެވެ.

https://sun.mv/225539

އަސާމީގެ ސިޓީގައި އިތުރަށް ވިދާޅުވީ، ރައިޓްސް އިޝޫއަކަށްދާން އެ ކުންފުނީގެ ބޯޑުން ހުއްދަ ދިން ކަމަށް ނިންމާފައިވާ ކަމަށް ބުނެ، މީޑިއާ މެދުވެރިކޮށް މެނޭޖުމަންޓުން ހާމަކުރީ މުޅިން ތެދު މައުލޫމާތެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި ދެކޮޅު ހެއްދެވީ ހަމައެކަނި އޭނާކަން ފާހަގަކުރައްވައި އަސާމީ ވިދާޅުވީ، އެ މައްސަލައިގެ ސަބަބުން އާންމު ހިއްސާދާރުންގެ މަސްލަހަތަށް އުނިކަން އައުމާއި ކުންފުނި އުފެއްދި އަސްލު މަގުސަދާ ޚިލާފުވާ ކަމަށެވެ.

ދެން ތިއްބެވި ޑިރެކްޓަރުން ޝަރުތުތަކާއެކު ހުއްދަދިންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، ބޯޑުން އެދުނު ކަންކަމަށް މި ކަމުގެ އަޕްޑޭޓެއް ނުދީ، ބޯޑުން ހުއްދަ ދިން ކަމެއްގެ ގޮތުގައި އާންމުކުރުމަކީ ރައްޔިތުންނާއި ހިއްސާދާރުންގެ މެދުގައި ބޯޑު މެންބަރުންނާ ގުޅޭ ގޮތުން ގޯސް ތަސައްވުރެއް އުފެދޭނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިސްތިއުފާދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެ ބޯޑުގައި އިތުރަށް ދެމިހުރެއްޖެނަމަ އެ ނިންމުންތަކަށް ދެވޭ ރުހުމެއްގެ ގޮތުގައި ބެލެވިދާނެތީ ކަމަށެވެ.

comment ކޮމެންޓް