ޖަޕާނަށް ބާރުގަދަ ބިންހެލުމެއް؛ ގިނަ އަދަދެއްގެ މީހުން މޯލްއެއްގެ ދަށުގައި ތާށިވެފައިވާ ކަމުގެ ބިރު

ބިންހެލުމުގައި ވެއްޓުނު މޯލް: އެ މޯލްގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާ ކަމުގެ ބިރު ވަނީ އުފެދިފައި -- ފޮޓޯ/ ރޮއިޓާސް

ޖަޕާނަށް މިއަދު އައި 7.1 މެގްނިޓިއުޑްގެ ބިންހެލުމަކާއެކު ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، މޯލްއެއް ވެއްޓި، އޭގެ ދަށުގައި ގިނަ އަދަދެއްގެ މީހުން ތާށިވެފައިވާ ކަމުގެ ބިރު އުފެދިއްޖެއެވެ.

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައީ އެ ގައުމުގެ ގަޑިން 16:27ހާއިރު، ޓޯކިޔޯއާ ހުޅަނގުދެކުނުން ގާތްގަނޑަކަށް 900 ކިލޯމީޓަރު ދުރަށެވެ. އެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރައިފާނެ ކަމުގެ އިންޒާރު އެ ގައުމުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ނެރުނު ނަމަވެސް، ފަހުން އެ އިންޒާރު ވަނީ ނަގައިފައެވެ.

އެ ބިންހެލުމުގެ ސަބަބުން ބައެއް ގެތަކަށާއި މަގުތަކަށް ގެއްލުންވެފައިވާއިރު، އެ ގައުމުގެ ކަޝިމާ ޓައުންގައި ހުރި އެއޯން މޯލްގެ ދެވަނަ ފަންގިފިލާ ވަނީ ވެއްޓިފައެވެ. އޭގެ ސަބަބުން ގާތްގަނޑަކަށް 30 މުވައްޒަފުންނަށް ވީނުވީއެއް ނޭނގިފައިވާއިރު، އިތުރު މީހުން ވެސް ތާށިވެފައިވާ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް މީހުން މިހާރު މަރުވެފައިވާ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ކެޕްޝަން..

އެ އިމާރާތުގެ ދަށުން މިހާރު ބައެއް މީހުން ސަލާމަތްކޮށްފައިވާކަން، އެމާޖެންސީ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.

ޖަޕާނުގެ އެންއެޗްކޭ ނޫހުން ވަނީ، ބިންހެލުން އައި ފަހުން މޯލްއިން އެއްޗެއް ގޮވައިފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައެވެ.

އެ މޯލްގެ މުވައްޒަފަކު ނޫސްތަކަށް މައުލޫމާތު ދެމުންވަނީ، ބިންހެލުން އައުމާއެކު ގިނަ ބަޔަކު މޯލްއިން ނެރުނު ކަމަށް ބުނެފައެވެ. ނަމަވެސް އެއްޗެއް ގޮވަން މެދުވެރިވި ސަބަބެއް ސާފުނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ބިންހެލުމާ ގުޅިގެން މިހާތަނަށް ތިން ލައްކަ މީހުން ވަގުތީ ހިޔާތަކަށް ދިޔުމަށް އިރުޝާދު ދީފައިވާއިރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށް އެތައް ސަތޭކަ ސިފައިން ވަނީ ނެރެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް