ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއް ލައްކައަށް ވުރެ އިތުރުވެފައިވާ ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖަޕާނުގައި މިހާރު އުމުރުން 100 އަހަރުން މަތީގެ 107،677 މީހުން އެބަތިބިއެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ މަތީ އަދަދެވެ. މީގެ ތެރެއިން 88 އިންސައްތައަކީ އަންހެނުންނެވެ. އެ ގައުމުގައި މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ އަންހެނަކީ ކިޔޯޓޯ ސިޓީއަށް ނިސްބަތްވާ އުމުރުން 114 އަހަރުގެ ކިޝިމޯޓޯ ފުޔޯއެވެ. އަދި އެންމެ ދުވަސްވީ ފިރިހެނަކީ ކުމަމޯޓޯއަށް ނިސްބަތްވާ އުމުރުން 112 އަހަރުގެ ކަޓޯ ހިކާރުއެވެ.
ޖަޕާނުގެ ހެލްތު މިނިސްޓަރު ކެނިޗިރޯ އުއެނޯ ވިދާޅުވި ގޮތުގައި، ގިނަ ބަޔަކު ދިގު އުމުރެއްގައި ސިއްހަތު ރަނގަޅުކޮށް އަދި ހަރަކާތްތެރިކޮށް ތިބުމަކީ އުފާކުރައްވާ ކަމެކެވެ. އަދި މިއީ ބޭސްވެރިކަމާއި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމުގެ ނަތީޖާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމަށް ގައުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު އިންޒާރުދެއްވިއެވެ.
ކެޕްޝަން..ތަޖުރިބާކާރުން ބުނާ ގޮތުގައި، ޖަޕާނު މީހުންގެ އުމުރު ދިގުވުމުގެ ސިއްރަކީ މަހާއި ތަރުކާރީ އަދި ބަތް ހިމެނޭ ސިއްހަތަށް ފައިދާހުރި ކެއުމާއި، ހިނގުމާއި ބައިސްކަލު ދުއްވުން ފަދަ ހަރަކާތްތެރި ދިރިއުޅުމެކެވެ.
އުމުރުން ދުވަސްވީ މީހުން އިތުރުވުމާ ގުޅިގެން، ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ޖަޕާނުގައި ކުޑަކުދިންގެ ނެޕީއަށް ވުރެ ގިނައިން ވިކިފައިވަނީ ބޮޑެތި މީހުންގެ ނެޕީއެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ހަށިގަނޑު ހަރަކާތްތެރިކުރުމަށް އެހީތެރިވެދޭ އެކްސޯސްކެލެޓަން ފަދަ އާ އުފެއްދުންތަކާއި، އަމިއްލައަށް ފޯކަސް ބަދަލުވާ އައިނު ފަދަ ތަކެތި ކުންފުނިތަކުން ވަނީ ބާޒާރަށް ނެރެފައެވެ.
ޖަޕާނުގެ އާބާދީ ދަށްވަމުންދާ މައްސަލައަށް އިޝާރާތްކުރައްވައި، ބޮޑުވަޒީރު ސަނައޭ ޓަކިޗީ ވަނީ މިއީ "ހިމޭން ކުއްލި ނުރައްކަލެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ވަނީ މިއީ ގައުމުގެ ވުޖޫދަށް އޮތް ނުރައްކަލެއް ކަމަށް ބުނެފައެވެ.
ފާއިތުވި އަހަރު އެ ގައުމުގެ ފާޓިލިޓީ ރޭޓް ވަނީ ރެކޯޑު މިންވަރަކަށް ދަށްވެ، 1.14 އަށް ވެއްޓިފައެވެ. އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ކޮންމެ އަންހެނަކަށް އެވްރެޖްކޮށް 2.1 ކުދިން ލިބެން ޖެހެއެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2008 ވަނަ އަހަރު 128 މިލިއަނުގައި ހުރި ޖަޕާނުގެ އާބާދީ، 2070 ވަނަ އަހަރާ ހަމައަށްދާއިރު 87 މިލިއަނަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ 30 އިންސައްތައިގެ ދަށްވުމެކެވެ. މިހާރު އާބާދީގެ 30 އިންސައްތަ ހިއްސާކުރަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި 2070 ވަނަ އަހަރު މި ނިސްބަތް 40 އިންސައްތައަށް އަރާނެ ކަމަށް ބެލެވެއެވެ. 2025 ވަނަ އަހަރު ޖަޕާނުގެ 47 ޕްރިފެކްޗަރުގެ ތެރެއިން ދެ ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ތަނެއްގައި އާބާދީ ވަނީ ދަށްވެފައެވެ.
ކުދިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ތަފާތު ޕްރޮގްރާމްތަކާއި ސަބްސިޑީތައް ދެމުންދިޔަ ނަމަވެސް، އުފަންވާ ކުދިންގެ ނިސްބަތް އިތުރުވެފައެއް ނުވެއެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މީގެ ސަބަބުތަކުގެ ތެރޭގައި ކައިވެނިކުރާ ނިސްބަތް ދަށްވުމާއި، ވަޒީފާ އަދާކުރާ އަންހެނުން ގިނަވުމާއި، ކުދިން ބޮޑުކުރުމަށް ހިނގާ ހަރަދު ބޮޑުވުން ހިމެނެއެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި ޖަޕާނަށް ހިޖުރަކުރާ ބިދޭސީންގެ އަދަދު އިތުރުވެފައިވީ ނަމަވެސް، އާބާދީގައި ބިދޭސީން ހިއްސާކުރަނީ ގާތްގަނޑަކަށް ތިން އިންސައްތައެވެ. އަދި އިތުރު ބިދޭސީން އެތެރެވުމާ ދެކޮޅަށް އޮންނަ ނުރުހުން ވަނީ ބޮޑުވެފައެވެ.
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ ތަފާސްހިސާބު އެއްކުރަން ފެށި 1963 ވަނަ އަހަރު އެ ގައުމުގައި ތިބީ އެ އުމުރުގެ އެންމެ 153 މީހުންނެވެ. މި އަދަދު 1981 ގައި 1،000 އަށް އަދި 1998 ގައި 10،000 އަށް އެރިއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ، 100 އަހަރު ފުރޭ މީހުންނަށް ސަރުކާރުން ހާއްސަ ސިޓީއަކާއި ސަގާފީ ތަށްޓެއް ދީގެން ފާހަގަކުރާ "ރެސްޕެކްޓް ފޯ ދަ އޭޖްޑް" ބަންދު ދުވަހާ ދިމާކޮށެވެ. ނަމަވެސް، 2010 ވަނަ އަހަރު ސަރުކާރުން ހެދި އޮޑިޓެއްގައި، 100 އަހަރުން މަތީގެ ކަމަށް ރެކޯޑުކޮށްފައިވާ 230،000އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ސާފުނުވާކަން ވަނީ ހާމަވެފައެވެ. މީގެ ތެރެއިން ބައެއް މީހުން މަރުވިތާ އެތައް އަހަރެއް ވެފައިވާއިރު، މިކަން ގުޅިފައިވަނީ ރެކޯޑުތައް ބެލެހެއްޓުމުގެ މައްސަލަތަކާއި، ޕެންޝަން ފައިސާ ހޯދުމަށް އާއިލާތަކުން މަރު ފޮރުވުމާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.