ބާރުގަދަ ތޫފާން "ދުޖުއާން" ޖަޕާނުގެ އިރުމަތީ އައްސޭރިފަށާ ދިމާއަށް ދަތުރުކުރަމުން ދާތީ، ވެރިރަށް ޓޯކިޔޯ އާއި އެ ސަރަޙައްދުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނެރެފިއެވެ.
ބީބީސީގެ ރިޕޯޓްތައް ބުނާ ގޮތުގައި، މި އަހަރު ޖަޕާނަށް ކުރިމަތިވި 25 ވަނަ ތޫފާން ކަމަށްވާ "ދުޖުއާން" ގެ ބާރުމިން ގަޑިއަކު 126 ކިލޯމީޓަރުގައި ހުރި އިރު، ވިލާގަނޑުގައި ގަޑިއަކު 180 ކިލޯމީޓަރަށް ވައިބާރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ތޯކައި ސަރަޙައްދަށް 350 މިލިމީޓަރުގެ ވާރޭ އަދި ކަންތޯ އާއި އިޒޫ އައިލެންޑްސްއަށް 300 މިލިމީޓަރުގެ ރެކޯޑު މިންވަރަކަށް ވާރޭ ވެހޭނެ ކަމަށް ބެލެވޭތީ، މޫސުމާ ބެހޭ އިދާރާއިން ވަނީ ސަމާލުވުމަށް އަންގާފައެވެ.
މި ތޫފާނާ ގުޅިގެން ޓޯކިޔޯގެ ހަނެދާ އަދި ނަރީތާ އެއާޕޯޓުން 500 އެއްހާ ފްލައިޓް ކެންސަލްކޮށްފައިވާއިރު، ބުލެޓް ޓްރެއިންތަކުގެ ޚިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން އިޒޫ އައިލެންޑްސްގެ އޮޝިމާ ޓައުނަށް ވަނީ އެންމެ މަތީ ދަރަޖައިގެ އެލާޓް ކަމަށްވާ "ލެވެލް-5" ގެ އެލާޓް ނެރެފައެވެ. އަދި ޓޯކިޔޯގެ މެގުރޯ ޑިސްޓްރިކްޓަށް ލެވެލް-4 ގެ އެލާޓް ނެރެ، އެ ސަރަޙައްދުގެ އުމުރުން ދުވަސްވީ މީހުން ސްކޫލްތައް ފަދަ ރައްކާތެރި ތަންތަނަށް ބަދަލުވުމަށް ވަނީ އަންގާފައެވެ.
ހަމައެއާއެކު، ޖަޕާނުގައި ބާއްވަން ތައްޔާރުވި މިއުޒިކް ފެސްޓިވަލްތަކާއި "ޓޯކިޔޯ ގޭމް ޝޯ" ފަދަ ބޮޑެތި އިވެންޓްތައް ވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.
ތޫފާނުގެ ޙާލަތު ގާތުން ބެއްލެވުމަށްޓަކައި ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީ އެމެރިކާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ވަނީ ފަސްކުރައްވާފައެވެ. އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް އެކަމަނާ ފުރާވަޑައިގަތުން ފަސްކުރައްވައި، ރައްކާތެރިކަމުގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މި އަހަރު ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނގަނޑު ހޫނުވެ، ވިދިވިދިގެން ގިނަ އަދަދެއްގެ ބާރުގަދަ ތޫފާންތައް އުފެދެމުންދާ ކަމަށް މޫސުމީ މާހިރުން ފާހަގަކުރެއެވެ.