ބޮލީވުޑްގެ މަގުބޫލު ފިލްމު "ކުޗް ކުޗް ހޯތާ ހޭ"ގައި ކުޑަކުއްޖެއްގެ ރޯލު ކުޅުނު ސަނާ ސައީދު، އޭނާ ތަހައްމަލުކުރި ކެއުމުގެ ނިޒާމަށްޖެހޭ ނަފްސާނީ ބައްޔެއް ކަމަށްވާ "ބުލީމިއާ"އާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ.
ކަރަން ޖޯހަރުގެ ފިލްމުގައި ތުއްތު އަންޖަލީގެ ކެރެކްޓާ ކުޅުނު ސަނާ ހާމަކުރި ގޮތުގައި މި ބަލީގެ ސަބަބުން އޭނާ ވަނީ އަހަރުތަކެއް ވަންދެން ބޮޑެތި ތަކުލީފުތަކެއް އުފުލާފައެވެ. އަދި މިކަމުން މުޅިން ސަލާމަތްވުމަށް ހަތަރު އަހަރު ހޭދަވި ކަމަށްވެސް ސަނާ ބުނެފައިވެއެވެ.
މިހާރު އެމެރިކާގެ ލޮސް އެންޖެލިސްގައި އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ހިންގާ ސަނާ، ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާއަށް ދިމާވަމުންދިޔަ ކަންތައްތަކަކީ ބައްޔެއްކަން ނޭނގި ހަ އަހަރު ހޭދަވި ކަމަށެވެ. އަދި ބަލި ދެނެގަނެވުނު ފަހުންވެސް، އޭގެއިން މުޅިން ރަނގަޅުވުމަށް އިތުރު ހަތަރު އަހަރު ނެގި ކަމަށް އޭނާ ކިޔައިދިނެވެ.
ހަ އަހަރު ވަންދެން ތަހައްމަލު ކުރަމުންދިޔަ ކަންތައްތަކަށް ކިޔާނެ ނަމެއް އޭރު ނޭނގޭ ކަމަށާއި، އެފަދަ އުނދަގޫތަކެއް ކުރިމަތިވަނީ ހަމައެކަނި އޭނާއަށް ކަމަށް ގަބޫލުކުރެވުމުގެ ސަބަބުން ވަރަށް ބޮޑު ލަދުވެތިކަމެއް އޭރު އިހުސާސްކުރަން ޖެހުނުކަމަށް ސަނާ ވަނީ ބުނެފައެވެ.

ސަނާ އޭނާގެ ލޯބިވެރިޔާ، ސަބާ ވޯގްނާ އަދި ފިލްމު "ކުޗް ކުޗް ހޯތާ ހޭ"ގެ މަންޒަރެއްގައި ޝާހްރުކް ޚާންއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ
ބަލިން ފަސޭހަވުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ހަނދާންކުރަމުން ސަނާ ބުނީ، ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ބަލިން ފަސޭހަވެ، ކެއުމުގެ ސިއްހީ އާދަތަކެއް އަށަގަންނުވަން ކަމަށެވެ. އެހެންވެ އެންމެ ފަހުން، އެ ބަލިން ސަލާމަތްވުމާ ގުޅޭ ފޮތެއް ފެނުމުން، ސިއްހީ މާހިރުންނަށް އެ ވާހަކަތައް ކިޔައިދޭން ފަސޭހަވި ކަމަށް ސަނާ ބުނެފައިވެއެވެ.
އޭނާ މި ވާހަކަ އާންމުންނާ ހިއްސާކުރަން ނިންމީ ބަލިން މުޅިން ފަސޭހަވުމަށްފަހުގައެވެ. އެއީ އޭނާ ފަދައިން މިބަލި ތަހައްމަލުކޮށްފާނެ އެހެން މީހުންނަށް އޭނާގެ ވާހަކައިން އެހީތެރިކަމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ.
ކަރަންގެ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ރޯލަކުން ފެނުނު މި ބަތަލާ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި މީހާގެ ސިފައަށް ބަލައި ކުރިމަތިވާ ފިއްތުންތަކާ މެދު ވެސް ވާހަކަދައްކާފައެވެ. ކުރީގެ ހަނދާންތައް އާކުރަމުން ސަނާ ހާމަކުރިގޮތުގައި، ކޮލެޖް ދުވަސްވަރު ދެކެވޭ ގިނަ ވާހަކަތައް ބިނާވެފައި ވަނީ ޑައިޓް ކުރުމާއި ބަރުދަން ލުއިކުރުމުގެ މައްޗަށެވެ.
ހަމައެއާއެކު ކެމެރާގެ ކުރިމަތީގައި އުޅެންޖެހުމާއި، މީހުން ފާޑުކިޔުމާއި، ތިމާގެ ސިފައަކީ ވަޒީފާގެ ބައެއްގެ ގޮތުގައި އޮތުމަކީ، އަމިއްލަ ހަށިގަނޑާ މެދު އޮންނަ ގުޅުން އޮޅުންބޮޅުންވާ ކަމެއްގެ ގޮތުގައި ސަނާ ވަނީ ސިފަކޮށްފައެވެ.