ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ، ހޮރޯ–ކޮމެޑީ ފްރެންޗައިޒް "ބޫލް ބުލައްޔާ"ގެ ހަތަރު ވަނަ ބައިގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމުގެ މަސައްކަތް އަދި އޮތީ ވަރަށް ކުރީކޮޅު މަރުހަލާއެއްގައި ނަމަވެސް، އާ ވާހަކައެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ޕްރޮޑިއުސަރު ބުޝަން ކުމާރާއި ކާތިކް އާރްޔަން ދަނީ ފިލްމުގެ އާ ޚިޔާލުތަކާ މެދު މަޝްވަރާ ކުރަމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ބޮލީވުޑް ހަންގާމާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓީ-ސީރީސްގެ އިސްވެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ބުޝަން ކުމާރު ބޭނުންވަނީ "ބޫލް ބުލައްޔާ" އަކީ އިންޑިއާގެ އެންމެ ވަރުގަދަ ފިލްމީ ފްރެންޗައިޒްއަށް ހެދުމަށެވެ. އަދި ހަތަރުވަނަ ބައިގެ މައިގަނޑު ޚިޔާލުތައް އެއްކުރުމުގެ މަސައްކަތް އޭނާ ވަނީ ފަށާފައެވެ.
ކުރީގެ ދެ ފިލްމެކޭ އެއްގޮތަށް "ބޫލް ބުލައްޔާ 4" ވެސް ޑައިރެކްޓް ކުރާނީ އަނީސް ބަޒްމީއެވެ. މިކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް މިހާރު ދަނީ ފައިނަލް މަރުހަލާގައެވެ.

ފިލްމު "ބޫލް ބުލައްޔާ 4"ގެ ޑައިރެކްޓަރު އަނީސް ބަޒްމީ އަދި އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/އެންޑީޓީވީ
މިވަގުތު އަނީސް ބަޒްމީ އުޅެނީ އަކްޝޭ ކުމާރާ އެކު އުފައްދާ، ނަން އަދި އިއުލާނު ނުކުރާ ފިލްމެއްގެ މަސައްކަތުގައެވެ. އެ ފިލްމު އަންނަ ޑިސެމްބަރު މަހު ރިލީޒް ކުރުމަށްފަހު، އޭނާ "ބޫލް ބުލައްޔާ 4"ގެ މަސައްކަތް ފަށާނެއެވެ. ބެލެވޭ ގޮތުގައި މި އަހަރުގެ ޑިސެމްބަރު މަހުތެރޭ މި ފިލްމުގެ މަސައްކަތް ފެށޭވަރުވާނެއެވެ.
ފިލްމު "ބޫލް ބުލައްޔާ 2"އިން ކާތިކް އާރްޔަން އާއެކު ކިއާރާ އަދުވާނީ ބަތަލާގެ ރޯލްއިން ފެނުނުއިރު، ތިންވަނަ ބައިން ފެނުނު ތަރިންގެތެރޭ ތުރިޕްތީ ދިމްރީ، ތައްބޫ، މަދޫރީ ޑިކްސިޓް އަދި ވިދްޔާ ބާލަން ހިމެނެއެވެ.