ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުން 2026 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން، އެ ޓީމުގެ މިޑްފީލްޑަރުން ކަމަށްވާ ފަބިއަން ރުއީޒް އާއި ގަވީއަށް އެ ކުޅުންތެރިންގެ އުފަން އަވަށުން ޚާއްޞަ އިނާމެއްގެ ގޮތުގައި އެ ކުޅުންތެރިންގެ ބަރުދަނާ އެއްވަރަށް ޓޮމާޓޯ ހަދިޔާކޮށްފިއެވެ.
ސްޕެއިންގެ ސެވިއްޔާގެ ދެކުނުން އޮންނަ، 40،000 އަށްވުރެ ކުޑަ އާބާދީއެއް އޮންނަ ލޮސް ލާސިއޯސް އަދި ވިލާފްރާންކާ ކައުންސިލުން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ކުޅުންތެރިންނަށް މަރުޙަބާ ކިޔުމަށް ގިނަ އަދަދެއްގެ އާންމުން އެއްވިއެވެ.
މި ރަސްމިއްޔާތުގައި، ދެ ކުޅުންތެރިންނަށް ދޭނެ ޓޮމާޓޯގެ މިންވަރު ކަނޑައެޅުމަށްޓަކައި ދެ ކުޅުންތެރިން ވަނީ ކިރާ ކައްޓާގެ މައްޗަށް އަރުވާފައެވެ. އެގޮތުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅޭ ރުއީޒްގެ ބަރުދަނުގައި 85 ކިލޯ ހުރުމުން އޭނާއަށް 85 ކިލޯގެ ޓޮމާޓޯ ލިބުނުއިރު، ބާސެލޯނާގެ ކުޅުންތެރިޔާ ގާވީގެ ބަރުދަނުގައި 68.5 ކިލޯ ހުރުމުން އޭނާއަށް ލިބުނީ 68.5 ކިލޯގެ ޓޮމާޓޯއެވެ.
ކައުންސިލުން ބުނި ގޮތުގައި، ފާހަގަކޮށްލެވޭ އެތުލީޓުންނަށް އެމީހުންގެ ބަރުދަނާ އެއްވަރަށް ޓޮމާޓޯ ހަދިޔާކުރުމަކީ އެ އަވަށުގެ ސަގާފީ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ޙަފްލާގައި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިނުން ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނުނު، އަދި އެ ރަށަށް އުފަން ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ޖީސަސް ނަވާސްވެސް ބައިވެރިވިއެވެ. މީގެ ކުރިން، ސްޕެއިންއިން ޔޫރޯ 2024 ކާމިޔާބުކުރުމާ ގުޅިގެން ނަވާސްއާއި ރުއީޒްއަށްވެސް ވަނީ މިގޮތަށް ތަކެތި ހަދިޔާކޮށްފައެވެ.