ރާޔާގެ އަނިޔާ ސީރިއަސް އެއް ނޫން؛ ކެޕާ ހުރުމަކީ ހިތްހަމަޖެހުމެއް: އާޓެޓާ

އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމުގެ ތެރެއިން--

އާސެނަލްގެ އެއް ނަންބަރު ގޯލްކީޕަރު، ޑޭވިޑް ރާޔާ އަށް ލިބުނު އަނިޔާ އޮޕަރޭޝަނެއް ކުރަން ޖެހޭހައި ސީރިއަސް ނޫން ކަމަށާއި ބަދަލުގައި ކެޕާ ހުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ 2-2 އިން ނިއުކާސަލް ޔުނައިޓެޑާ އެއްވަރުވި މެޗުގެ ދެވަނަ ހާފުގައި ރާޔާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އުމުރުން 31 އަހަރުގެ ރާޔާ ދަނޑުން ފައިބައިގެން ދިޔައީ ވާތު ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދަނޑުމަތިން ވެސް ފަރުވާ ހޯދުމަށް ފަހުއެވެ.

އާސެނަލްގެ ކޯޗު އާޓެޓާ ބުނީ، ރާޔާ ނެތްތަނަށް ތަޖުރިބާކާރު ގޯލްކީޕަަރެއް ކަމަށްވާ ކެޕާ އަރިޒަބަލާގާ ހުރުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އޮތް އެންމެ ބޮޑު އުފަލަކީ ރާޔާއަށް ލިބުނު އަނިޔާ ހީކުރިހާ ސީރިއަސް ނުވުން ކަމަށް އާޓެޓާ ބުންޏެވެ.

އާސެނަލުން މިދިޔަ ސީޒަނުގައި 22 އަހަރަށް ފަހު އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ރާޔާ ވަނީ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ފަހަރުގެ ޕްރިމިއާ ލީގުގެ ފުރަތަމަ 10 މެޗުގެ ތެރެއިން ހަތް މެޗުގައި، ރާޔާ ގޯލުގައި ބަހައްޓައިގެން ކުޅުނު އާސެނަލުން މެޗުތައް ނިންމާލީ ކޮޅަށް ގޯލެއް ނުވަދެ އެވެ.

އާސެނަލުން ދެން އެންމެ އަވަހަށް ކުޅެން އޮތީ މިވަގުތު ޖަރުމަނުގެ ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. އެ މެޗުގައި ރާޔާ އަށް ނުކުޅެވޭނެކަން އާޓެޓާ ވަނީ ކަށަވަރުކޮށްދީފައެވެ.

ބްލެކްބާން ރޯވާސް އާއި ބްރެންޓްފޯޑަށް ކުރިން ކުޅުނު ރާޔާ، އެންމެ ފުރަތަމަ އާސެނަލަށް ބަދަލުވީ، 2023/2024 ސީޒަނުގައި ލޯން ޑީލެއްގެ ދަށުންނެވެ. އާސެނަލުން ވަނީ އެ ލޯން ޑީލު ނިމުމާއެކު ބްރެންޓްފޯޑަށް 30 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށްފަހު ރާޔާގެ އެއްބަސްވުން ދާއިމީކޮށްފައެވެ.

comment ކޮމެންޓް